މާމިގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އދ. މާމިގިލީގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މާލެއިން ފުރައިގެން މާމިގިއްޔަށް ދަތުރުކުރަމުންދާ ބޯޓަކުން މީހަކު މާމިގިއްޔަށް މަސްތުވާތަކެތި އެތެރެ ކުރަންއުޅޭ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިއަދު ހެނދުނު 07:20 ހާއިރު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ މީހެއް ކަމަށެވެ.

"މާމިގިލީ ޕޮލިސް ސްޓޭޝަނުން ހިންގި މިއޮޕަރޭޝަންގައި، އެރަށު މަގުމަތިން މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުން، މިމީހާ ލައިގެންހުރި ޖީންސްގެ ޖީބުން އެއްޗެއް ނަގައި އެއްލައިލުމުން ފުލުހުން އެނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން ދ. ކުޑަހުވަދޫ ގެއެއްގައި މަސްތުވާތަކެތި ރައްކާކޮށްފައިހުރި ކަމަށް ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މެއި 27 ވަނަ ދުވަހުގެ 14:00 ހާއިރު ހިންގި އޮޕަރޭޝަންގައި، އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 78 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި، އެމައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ދެ މައްސަލަވެސް އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް