"ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް" އުފައްދަވައިފި

"ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މި ކުންފުންޏަކީ ސަރުކާރުން ހިންގަމުން ގެންދަވާ ސަރަޙައްދީ އެއަރޕޯޓްތައް ވިޔަފާރީގެ އުޞޫލުން ހިންގުމަށާއި، ސަރުކާރުން ރީޖަނަލް އެއަރޕޯޓްސް މެދުވެރިކޮށް ހިންގަމުން ގެންދަވާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ހިންގުމަށްޓަކައި އުފެއްދެވި ކުންފުންޏެއްކަމަށެވެ.

މި ކުންފުންޏަކީ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ، ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ޙިއްސާ އެކުލެވިގެންވާ ސަރުކާރުގެ ކުންފުންޏެކެވެ.

މި ކުންފުނީގެ ދަރަންޏަށް، ޝަރުޢީ ބޭނުންތަކަށާއި، އެހެން ހުރިހާ ޙާލަތެއްގައިވެސް، ދިވެހިސަރުކާރުން ޒިންމާވާނީ، ކުންފުނީގެ ޙިއްޞާއިން އުފެއްދުމަށް ކަނޑައަޅާފައިވާ ރައުސްމާލުގެ ތެރެއިން އެއްވެސް މިންވަރެއް، ދިވެހިސަރުކާރުން ކުންފުންޏަށް ދައްކާފައި ނުވާނަމަ، އެ މިންވަރަށް ކަށެވެ.

މި ކުންފުނީގެ ހުއްދަކުރެވިފައިވާ ރައުސުމާލަކީ -/10 (ދިހައެއް) ރުފިޔާގެ 200,000,000 (ދުއިސައްތަ މިލިއަން) ޙިއްޞާގެ މައްޗަށް ބަހާލެވިފައިވާ 2,000,000,000 (ދެ ބިލިއަން) ރުފިޔާއެވެ.

މީގެ އިތުރުން މި ކުންފުންޏަކީ، ކުންފުނީގެ "އަސާސީ ގަވާއިދު" އާއި "ހިންގާ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިންގުމުގައްޔާއި،
އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި، ނުއުފުލޭ މުދާ ޤާނޫނު ހުއްދަކުރާ ގޮތުގެމަތިން ހޯދުމާއި، ލިބިގަތުމާއި، މި ކަންކަމުގެ ޙައްޤު ލިބިގެންވާ އަދި ވަކި ސިއްކައެއް އޮންނަ، ޤާނޫނީގޮތުން އަމިއްލަ ޝަޚްޞިއްޔަތެކެވެ.

"ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް" އުފައްދަވާފައި ވަނީ ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 95 ވަނަ
މާއްދާއިން ރައިސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ