ފޮޓޯ: ފުލުހުން

ރޭގަނޑު 10 ޖަހަންދެން އެއްގަމު އުޅަނދު ދުއްވޭ ގޮތައް ހަދައިފި

މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރޭގަނޑު 20:00 އިން ފަތިހު 05:00 އަށް އެއްގަމުން އުޅަނދު ދުއްވުން މަނާކުރި އުސޫލަށް ބަދަލު ގެނެސްފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކޮށް މިރޭ ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ 2020 އޮކްޓޫބަރު 3 ވަނަ ދުވަހުން ފެށިގެން، ވަކި ގޮތެއް އަންގަންދެން، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 2020/55 (24 އޮގަސްޓު 2020) އެންގުމުގެ 1 ވަނަ ނަންބަރުގައި ބުނެފައިވާ ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 5:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އެންގި ވަގުތަށް  ބަދަލުގެނައުމަށް ނިންމާފައިވާ ކަމަށެވެ.

މި ގަވާއިދަށް ގެނެސްފައިވާ ބަދަލަކީ، މާލެއާއި، ހުޅުމާލެއާއި ވިލިމާލޭގައި ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށް، އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާކުރުމެވެ. އެހެންކަމުން ވިހާރު ރޭގަނޑު 10 ޖަހަންދެން އެއްގަމު އުޅަނދު ދުއްވޭނެ އެވެ.

މިވަގުތު ތަކުގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތައް ފުރަތަމަ ފަހަރު ނަސޭހަތްތެރިވެ އަދި ދެވަނަ ފަހަރު ނަމަ ޖޫރިމަނާ ކުރާނެއެވެ. އަދި އިތުރު ފިޔަވަޅެއްގެ ގޮތުން، އެކަން ތަކުރާރުވާނަމަ އެ އުޅަނދެއް ޓޯވކުރެވި އުޅަނދު ޓޯވ ކުރުމަށްފަހު އެ އުޅަނދެއް ދޫކުރެވޭނީ ޖޫރިމަނާގެ ފައިސާ ދެއްކުމުންނެވެ.

މި އުސޫލަށް ބަދަލު ގެނެސްފައި މިވަނީ، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 100 އިން މައްޗަށް އަރާފައިވަނީ އެންމެ ދުވަހަކުއެވެ.

ރާއްޖެއިން މިހާތަނަށް 10،394 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު 9،213 މީހުން ވަނީ މި ބަލިން ރަނގަޅުވެފައެވެ. އަދި މި ބަލީގައި 34 މީހުން ވަނީ ނިޔާވެފައެވެ. ރޭގަނޑު 10 ޖަހަންދެން އެއްގަމު އުޅަނދު ދުއްވޭ ގޮތައް ހަދައިފި

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ