ދުވާފަރުގެ މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި ފަށައިފި

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ރ އަތޮޅު ދުވާފަރުގެ މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫޢު ފެށުމުގެ ގޮތުން މިއަދު ވަނީ ރ. ދުވާފަރުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި މަޝްރޫޢަކީ 8.37 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

މި މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، އެމްޓީސީސީގެ ސީއޯއޯ ޝާހިދު ޙުސައިން، ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އަދި ރ. ދުވާފަރު ދާއިރާގެ މަޖްލިސް މެމްބަރު އިސްމާއިލް އަޙުމަދެވެ.

މި މަޝްރޫޢުގެ ތެރެއިން ފައިމަގުގައި ހިނގޭ ހޮތަށް 960،4 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 790،17 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، ކޭބަލް ހޮޅި ވަޅުލުމާއި މަގުބައްތި އަދި ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް 03 އޮކްޓޯބަރ 2020 ގައި ފެށިފައިވާއިރު، މަޝްރޫޢު ނިންމޭނެކަމަށް ލަފާކުރަނީ 300 ދުވަސް ތެރޭގައެވެ. ދުވާފަރުގެ މަގުހެދުމުގެ މަޝްރޫޢު އެމްޓީސީސީއިން ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.

މިގޮތުން މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށާފައިވަނީ 12 ޖޫން 2019 ގައެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ %77 ވަނީ ނިމިފައެވެ. އެމްޓީސީސީ، ޕްލޭނިންގ މިނިސްޓްރީގެ ބޭފުޅުންގެ އަދި ދުވާފަރު ދާއިރާގެ މެންބަރު ވަނީ މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާގޮތް ސައިޓަށް ވަޑައިގެން ބައްލަވާލައްވާފައެވެ. ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ތާރު އެޅުމުގެ މަސައްކަތް ފަށާ ފައިވަނީ 1 އޮކްޓޫބަރު 2020 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 6813 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 513،25 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައު ސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 04.47 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ . ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 31 ޑިސެމްބަރަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ