މަސްތުވާތަކެތީގެ 4 އޮޕަރޭޝަން، އެކަކު ހައްޔަރު ކޮށްފައިވޭ

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަންތައް ހިންގާފައިވަނީ ނ. ހޮޅުދުއާއި އެ އަތޮޅު ލަންދޫގެ އިތުރުން ތ. ކިނބިދޫގައެވެ.

ފުލުހުން ވިދާޅުވީ ތ. ކިނބިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ. އޮކްޓޯބަރ 2 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ފަސް ރަބަރު ޕެކެޓު ފެނިފައިވާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.

މީގެ އިތުރުން  އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހު ފުލުހުން ވަނީ ނ. އަތޮޅުގައި ދެ އޮޕަރޭޝަނެއް ހިންގާފައެވެ. އެގޮތުން މި ދެ އޮޕަރޭޝަނުގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ މާލެއިން ފުރައިގެން ހޮޅުދުއަށް ދަތުރުކުރަމުންދާ ބޯޓަކުން ހޮޅުދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮަޕަރޭޝަނުގައި އެ ބޯޓު ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ދެ ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށެވެ. މި އޮޕަރޭޝަނަކީ ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެކެވެ.

މާލެއިން ފުރައިގެން ނ ލަންދުއަށް ދަތުރުކުރަމުންދާ ބޯޓަކުން ލަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލުމާތަކާ ގުޅިގެން އެ ރަށު ޕޮލިސް ސްޓޭޝަނުންވެސް ވަނީ އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަނުގައި، އެ ބޯޓުން ބޭލި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް ފެނިފައިވާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ދަނީ މި މައްސަލަތައް ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ