މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެއް

މޫސުން ރަނގަޅެއް ނޫން! ތ. އަތޮޅުން ގއ. އަތޮޅަށް ޔެލޯ އެލާރޓް ނެރެފި

ރާއްޖޭގެ މޫސުން ގޯސްވެ، ތ. އަތޮޅުން ގއ. އަތޮޅަށް ޔެލޯ އެލާރޓް ނެރެފިއެވެ.

މެޓްއޮފީހުން މިރޭގެ 07:15 އިން މިރޭގެ 11:00 އަށް ނެރެފައިވާ މިޔެލޯ އެލާރޓްގައި ބުނެފައިވަނީ އެލާރޓްގެ ވަގުތުގައި އެލާރޓް ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުންވެސް އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓްއޮފީހުގެ މިއެލާރޓްގައި ބުނެފައިވެއެވެ.

މީގެ ދެގަޑިއިރެއްހާއިރުން މެޓްއޮފީހުން މިސަރަޙައްދަށް ނެރެފައިވަނީ ވައިޓް އެލާރޓެވެ. އެލާރޓް ނެރެފައިވަނީ ވ. އަތޮޅުން ގދ. އަތޮޅަށެވެ.

ކުރިޔަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ މެދުރާއްޖެތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ، މީގެ ތެރެއިން މަދު ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށާއި އުތުރުގެ މަދު ރަށްތަކަކަށް މިރޭ ކެރީގެ އަސަރު ފޯރިނަމަވެސް، އެއަތޮޅުތަކުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ހުރިހާ ހިސާބަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށްވެސް މެޓު އޮފީހުން ވަނީ ވިދާޅުވެފައެވެ.

ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭތީވެ، މޫސުމަށް ސަމާލު ވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ