ލ.ގަން

ގަމުން 25 ސިފައިން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ލާމު އަތޮޅު ގަމުގައި ޓްރެއިނިން ހަދަމުންދިޔަ 25 ސިފައިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ގަން ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަލީ ނަޝީދުއާއި ޙަވާލާދީ "ދެން" ގައި ބުނެފައިވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި ހޯމް ކަރަންޓީނުގައި ތިބުމަށްފަހު ޓެސްޓު ކުރި  25 މީހުންކަމަށެވެ. މި ސިފައިންގެ މީހުން ފައްސިވެފައިވާކަން އެނގުނީ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހުގައި ޓެސްޓު ކުރުމުންނެވެ.

އެގޮތުން ޖުމްލަ 93 ފަރާތެއްގެ ސާމްޕަލް ނަގާފައިވާއިރު، 25 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. އަދި 24 ސާމްޕަލްގެ ނަތީޖާ ނުލިބޭކަމަށްވެސް އަލީ ނަޝީދު ވިދާޅުވިއެވެ.

މިމީހުންގެ ސާމްޕަލް ނަގާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އަދި މިމީހުން ޕޮޒިޓިވްވުމާއި ގުޅިގެން ހަދަންޖެހޭ ކޮންޓެކްޓް ޓްރޭސިންވެސް މިހާރުވަނީ ނިމިފައެވެ.

އަދި މިކޭސްތަކާއި ގުޅިގެން ގަން ރީޖިނަލް ހޮސްޕިޓަލުން ބުނެފައިވަނީ ލ. ގަމުން ކޮވިޑަށް ޕޮޒިޓިވްވިކަމަށް ޙަބަރު ތަކުގައި ބުނާ ސިފައިންނަކީ ގަމުގެ މީހުން ދިރިނޫޅޭ ސަރަހައްދެއް (ކަށިކޮލި ނުވަތަ ވައިޓްބޭ) ސަރަހައްދުގައި ކޭމްޕް ކޮށްގެން ތިބި ޓްރެއިނިންގ ބެޗެއްގައި ހިމެނޭ ސިފައިންގެ ބައެއްކަމަށާއި، މިއީ އޮކްޓޯބަރު 1 ވަނަ ދުވަހުގެރޭ ސާމްޕަލް ނެގި 93 މީހުންގެ ތެރޭގައި ހިމެނޭ ބައެއްކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން މިފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ އެއްވެސް ފަރާތެއްނެތްކަމަށްވެސް ހޮސްޕިޓަލުން ބުންޏެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދު މިހާރު 10،000 ވުރެ އިތުރުވެފައިވާއިރު ދުވާލެއްގެ މައްޗަށް މިބައްޔަށް ޕޮޒިޓިވުވާ މީހުންގެ އަދަދު މިހާރުވަނީ 100 އިން ދައްކުރެވިފައެވެ.

އެޗްޕީއޭ އިން ބުނެފައިވަނީ، ދުވާލެއްގެ މައްޗަށް ކޮވިޑް-19 އަށް ޕޮޒިޓިވުވާ މީހުންގެ އަދަދު 100 އަށްވުރެ ދައްކުރެވިފައި ވީނަމަވެސް އަދި މިބަލި ރާއްޖޭގައި ކޮންޓުރޯލް ކުރެވިފައި ނުވާކަމަށެވެ. މިހެންކަމުން ބަލި ފެތުރުން ކޮންޓުރޯލް ކުރުމަށް މިހާރު އަޅައިފައިވާ ފިޔަވަޅުތަކަށް އެންމެހާ ފަރާތްތަކުން ބޯލެބުން ވަރަށް މުހިންމު ކަމަށެވެ.

ކޮވިޑް-19 ގައި ރާއްޖެއިން 34 މީހަކު ނިޔާވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ