ކޮވިޑް-19: 1،555 ސާމްޕަލް އިން މިއަދު ޕޮޒިޓިވް ވީ 67 މީހުން

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ނެގުނު 1،555 ސާމްޕަލްގެ ތެރެއިން އެބައްޔަށް ޕޮޒިޓިވުވެފައިވަނީ 67 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން އެޗްޕީއޭއިން މިރޭ ބުނީ ރޭ 18:00 އިން މިރޭގެ 18:00 އަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 67 ކަމަށާއި މިއާއެކު ޖުމްލަ މިބައްޔަށް ޕޮޒިޓިވުވި މީހުންގެ އަދަދު 10,465 އަރައިފައިވާ ކަަމަށެވެ.

އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާ ނުވަ ބިދޭސީންނެވެ. މިމީހުންގެ ތެރެއިން 41 މީހަކު މާލެއިން ޕޮޒިޓިވުވިއިރު 26 މީހަކުވަނީ އަތޮޅުތެރޭ ރައްތަކުން ޕޮޒިޓިވުވެފައެވެ.

ކޮވިޑް-19 އަށް ދުވާލެއްގެ މައްޗަށް ޕޮޒިޓިވުވާ މީހުންގެ އަދަދު 100 އިން ދައްކުރެވިފައި ވީނަމަވެސް އިއްޔެއަށްވުރެ މިއަދު މިބައްޔަށް ޕޮޒިޓިވުވި މީހުންގެ އަދަދު އިތުރެވެ. އިއްޔެ މިބައްޔަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 44 އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވުވާ މީހުންގެ އަދަދު މިދިޔަމަހުން ފެށިގެން ދައްކުރެވިފައި ވީނަމަވެސް އަދި މިބަލި ރާއްޖޭގައި ކޮންޓުރޯލް ކުރެވިފައި ނުވާކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ. މިހެންކަމުން އަމިއްލަ ސާފުތާހިރު ކަމަށާއި އިޖުތިމާއީ ގައިދުރުކަމަށް ސަމާލުކަންދީ އެޗްޕީއޭ އިން ބަލި ކޮންޓުރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކަށް ތަބާވުން ވަރަށް މުހިންމުކަން އެފަރާތުން އަންނަނީ ފާހަގަ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ