ފޮޓޯ: ވަގުތު

ދެކުނު އޭޝިޔާގެ ޒުވާން ސިޔާސީ ލީޑަރުންގެ ފޯރަމްގައި މުންދު ބައިވެރިވެވަޑައިގެންފި

ދެކުނު އޭޝިޔާގެ ޒުވާން ސިޔާސީ ލީޑަރުންގެ 6 ވަނަ ފޯރަމްގައި، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން، ވާދަވެރި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނާއިބު ރައީސް އަދި ޚާރިޖީ ސިޔާސަތާބެހޭ ޑިޕާޓްމަންޓް ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި އޮނަރަބަލް މުހަންމަދު ޙުސައިން ޝަރީފް (މުންދު) ބައިވެރިވެވަޑައިގެންފިއެވެ.

ކޮވިޑް-19 ގެ ސަބަބުން ވާރޗުއަލްކޮށް މިރޭ ބޭއްވުނު މިފޯރަމްގައި އެމަނިކުފާނު ވަނީ ދެކުނު އޭޝިޔާގެ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރިމަގުގައި އެޅިދާނެ ބައެއް މުހިންމު ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވާފައެވެ.

ސަރަޙައްދީ ޖަމްޢިއްޔާ ސާކްގެ ތެރެއިން ބިނާކުރަނިވި މަސައްކަތްތަކެއް ކުރުމަށް ހުރި ހުރަސްތަކަށް އަލިއަޅުއްވާލައްވާ، އެމަނިކުފާނު ވަނީ މިސަރަޙައްދުގެ ޤައުމުތަކުގެ ދެމެދުގައި ހުރި ތަފާތުތައް ދެނެގަނެ، އެކަމުގެ އަލީގައި ކުރިއަށް ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކުރައްވާފައެވެ. އަދި، ދޭދޭ ޤައުމުގެ ދެމެދުގައި ހުރި ނުތަނަވަސްކަން ނައްތާލުމަށްޓަކައި، ސަރަޙައްދީ ފެންވަރުގައި ކުރެވިދާނެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

އޭގެ އިތުރުން، ރޮހިންޔާ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކާމެދު ރާއްޖެއިން ދެކޭގޮތާއި، އަޅާފައިވާ ފިޔަވަޅުތަކާމެދު ވާހަކަ ދައްކަވާފައެވެ. މިފޯރަމްގައި މުންދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާ ޗައިނާއާ ދެމެދު އުފެދިފައިވާ ގުޅުމަކީ ވިޔަފާރިއާއި އިޤްތިޞާދީ ގުޅުމެއްކަން ފާހަގަކުރައްވާ، ސިޔާސީ ފައިދާއަށްޓަކައި އެކަމުގެ ޙަޤީޤަތް އޮޅުވާލަން ބަޔަކު ކުރި މަސައްކަތުގެ ސަބަބުން، އަވަށްޓެރި އިންޑިޔާއަށް ޝައްކާއި ވަޙުމު ވަދެ، ރާއްޖޭގެ ކުރިމަގަށް ބުރޫއަރާފަދަ ތަފާތު ކަންތައްކަތެއް ކުރަމުންދާކަން ކުރައްވާފައެވެ. އަދި، ރާއްޖޭގެ ސަރަޙައްދުގައި އެއްވެސް ޤައުމެއްގެ އަސްކަރިއްޔާ ޤާއިމުވެތިބުމަކީ ދިވެހި ރައްޔިތުން އެދޭގޮތް ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިފޯރަމްގައި ބައިވެރިވެވަޑައިގެން ބޭފުޅުންގެ ތެރޭގައި، ޕާކިސްތާން ޕީޕަލްސް ޕާޓީގެ ކައުންސިލް މެންބަރު އަދި ތަރުޖަމާނު ބްރިސްޓަރ މިއަން އާމިރު ޙަސަން، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީގެ ޚާރިޖީ ކަންކަމާބެހޭ ކޮމިޓީގެ މެންބަރު އަދި ޕާޓީގެ ކައުންސިލް މެންބަރު ބެރިސްޓަރ މީރް ޙިލާލް، އަފްޣާނިސްތާނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ޒުވާނުންގެ މަންދޫބު މިސް ޝްކުލާ ޒާދްރަން ހިމެނިވަޑައިގެންނެވިއެވެ. ދެކުނު އޭޝިޔާގެ އެކިއެކި ޙައްސާސް މައްސަލަތަކާމެދު ބަހުސްކުރެވުނު މިފޯރަމް ވަނީ ފޭސްބުކް މެދުވެރިކޮށް އިންތިޒާމުކުރި ފަރާތުން ވަގުތުން ގެނެސްދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ