ޒިކުރާ މިސްކިތް މައްސަލައިގައި އިސްލާމިކް މިނިސްޓްރީން ދޮގު މައުލޫމާތު ދިންކަން ހާމަވެއްޖެ

ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން އާއެކު ވެފައިވާ އެއްބަސްވުމުގައި ގާނޫނާ ހިލާފު ކަންކަން ހުރިކަމަށް ބުނެ އެ އެއްބަސްވުން ބާތިލްކުރުކުގައި އެޓާރނީ ޖެނެރަލްގެ އޮފީހަށް އިސްލާމިކް މިނިސްޓްރީން ދޮގު މައުލޫމާތު ދިންކަން ހާމަވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން އާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ނިންމައި، އެ މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޒިޔާދު ބާގިރުގެ މައްޗަށް ޕީޖީއިންވަނީ ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ.

"ސަންގު" ނޫހުން ބުނެފައިވަނީ ޒިކުރާ މިސްކިތުގެ މައްސަލައިގައި ބަންޑާރަ ނައިބުގެ އޮފީހުން އިސްލާމިކް މިނިސްޓްރީއަށް ލަފާދިން ލިޔުމުގެ ކޮޕީއެއްވަނީ އާންމު ވެފައިވާ ކަމަށާއި އިސްލާމިކް މިނިސްޓްރީން ބަންޑާރަ ނައިބުގެ ލަފާއި ޚިލާފުވެފައިވާ ކަމާއި ދޮގު މައުލޫމާތު ދީފައިވާކަން އެ ލިޔުމުން އެނގޭ ކަމަށެވެ. އަދި ދައުރުވަމުންދާ ލިޔުމަކީ ސައްޙަ ލިޔުމެއްކަން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކުވަނީ "ސަންގު" ނޫހަށް  ކަށަވަރުކޮށްދީފައިވާ ކަމަށް ބުނެފައި ވެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން އިސްލާމިކް މިނިސްޓްރީއަށް ލަފާދިން ލިޔުމުން އެނގޭ ގޮތުގައި އިސްލާމިކް މިނިސްޓްރީން އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު ސޮއި ކުރި އެއްބަސްވުން އުވާލީ ބަންޑާރަނައިބު ދެއްވި ލަފަޔާ ހިލާފަށެވެ.

އެ ލިޔުމުގައިވާ ގޮތުން 19 ފެބްރުއަރީ 2019 ގައި ބަންޑާރަ ނައިބުގެ އޮފީހުން އިސްލާމިކް މިނިސްޓްރީއަށް ލަފާ ދީފައިވާއިރު އިސްލާމިކް މިނިސްޓްރީން ބަންޑާރަ ނައިބުގެ އޮފީހުން ލަފަޔަކަށް އެދިފައިވަނީ 23 ޑިސެމްބަރު 2018 ގައެވެ.

އޭޖީގެ ލަފާގައި ބުނެފައިވަނީ، އެސްޖޭ ކޮންސްޓަކްޝަންއާ ޒިކުރާ މިސްކިތުގެ މަސައްކަތް ޙަވާލުކުރެވިފައިވަނީ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާޢަތައްކަން އިސްލާމިކް މިނިސްޓްރީން ފޮނުވާފައިވާ ލިޔެކިޔުންތަކުން ހާމަވާ ކަމަށެވެ.

މަސްއޫލިއްޔަތެއް އަދާނުކުރާ ޙާލަތުގައިވެސް އެ ކަމެއް ޙައްލުކުރާނީ ދެ ބައިވެރިންގެ މެދުގައި ވާހަކަ ދައްކައިގެން ކަމަށާއި، ވާހަކަ ދައްކައިގެން 30 ދުވަހުގެ ތެރޭގައި އެ ކަމެއް ޙައްލު ނުކުރެވިއްޖެނަމަ، ދިވެހިރާއްޖޭގެ ކަމާގުޅޭ ކޯޓަކަށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންވާކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ފާހަގަ ކުރިއެވެ. އަދި އެއްބަސްވުން ބާޠިލްކުރުމުގެ ކުރިން ދެފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ޙައްލުކުރުމަށް 30 ދުވަހުގެ މުއްދަތަށް މަސައްކަތް ކުރެއްވުން ރަނގަޅުވާނެކަމަށް ފެންނަ ކަމަށް ބުނެފައި ވެއެވެ.

"ސަންގު" ނޫހުން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކާއި ހަވާލާދީ ބުނެފައިވަނީ، އެއްބަސްވުން އުވާލާފައިވަނީ30 ދުވަސް ވުމުގެ ކުރިން ކަަމަށާއި އެއްބަސް އުވާލުމުގެ ކުރިން ކޮންޓްރެކްޓަރާ އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށެވެ. އެހެންކަމުން އެހިސާބުން މައްސަލަ ފެންމަތިވީ ކަމަށް ބުނެފައި ވެއެވެ.

ބަންޑާރަ ނައިބުގެ ލަފާގައި އިތުރަށް ފާހަގަ ކޮށްފައިވަނީ އެއްބަސްވުމަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހޭ ކުރެހުންތައް އެސްޖޭން ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ހުށައެޅި ކުރެހުމަށް ޖަވާބެއް ނުލިބިގެން 12 ނޮވެމްބަރު 2018 ގައި އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން އިސްލާމިކް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވެއެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު "ސަންގު" ނޫހަށް ވިދާޅުވެފަިއވަނީ އެއްބަސްވުން އުވާލީ ބަންޑާރަ ނައިބުގެ އޮފީހުން ދެއްވި ލަފާގައި ފާހަގަކުރެއްވި 30 ދުވަސް ހަމަވާން ދެތިން ދުވަހަށް ވެފައިވަނިކޮށް ކަމަށާއި އާންމުވި ލިޔުމުން އެނގޭ ގޮތުގައި ޒިކުރާ މިސްކިތުގެ މައްސަލައިގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުވެސް އިތުރުފުޅު ހައްދަވާފައެވެ.

ޒިކުރާ މިސްކިތް ހަދަން ހަވާލުކުރީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންވެ އެއްބަސްވުން ބާތިލް ކުރަން ބަންޑާރަ ނައިބުގެ އޮފީހުން ލަފާދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިޔަސް، އެފަދަ ލަފައެއް ބަންޑާރަ ނައިބުގެ އޮފީހުން ދީފައިނުވާކަން އެ ލިޔުމުން އެނގެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ