ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އައްޔަނުކުރައްވައިފި އެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައީސް މުޙައްމަދު ނަޝީދު ޢައްޔަން ކުރެއްވުމާ ގުޅިގެން، އެމަނިކުފާނު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުޙައްމަދު ނަޝީދަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ އަޙްމަދު ޢަބްދުﷲ ދީދީއެވެ.
މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ރައީސް މުޙައްމަދު ނަޝިދާ ވަނީ ޙަވާލުކުރައްވައިފައެވެ.
މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމަށް ހޮވިވަޑައިގަތުމުން އެކަމަށް މަރުޙަބާ ދަންނަވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރުގެ ރައްޔިތުންގެ މަޖިލީހަކީ، ވަރަށް ގިނަ ބައެއްގެ އުއްމީދު ތަކާއި ގުޅިފައިވާ މަޖިލީހެއް ކަމަށެވެ. އަދި، މަޖިލީހުގެ މަސައްކަތްތައް ވީހާވެސް ހަލުއިކަމާއި އޮމާންކަމާއި އިންސާފުވެރިކަމާއެކު، މަޖިލީހުގެ އާ ރައީސްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ.
މީގެ އިތުރުން މަޖިލީހުގެ ރައީސްގެ މަސައްކަތްޕުޅަށް ސަރުކާރުން ވެދެއްވެން އޮތް އެއްބާރުލެއްވުމެއް ވީއެންމެފުރިހަމައަކަށް ދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.