އާދައުރަކަށް އިންތިހާބުވި އިސްރާއިލްގެ ގާނޫނު ހަދާ މަޖިލިސް އުވާލައި އަލުން ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އެމަޖިލީހުން ފާސްކޮށްފިއެވެ.
މިގޮތަށް އިސްރޭލުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވަނީ، ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ސަރުކާރެއް އެކުލަވާލަން ދެވިފައިވާ މުއްދަތު ހަމަވިއިރުވެސް އާސަރުކާރެއް އެކުލަވާ ނުލެވުމާއި ގުޅިގެންނެވެ.
މިދިޔަ މަހު ބޭއްވި އިންތިހާބުގައި ނަތަންޔާހޫގެ ލިކޫޑު ޕާޓީއަށް ގާނޫނު ހަދާ މަޖިލީހުގެ 120 ގޮނޑީގެ ތެރެއިން ކާމިޔާބު ކުރެވިފައިވަނީ 35 ގޮންޑިއެވެ.
ފަސްވަނަ ދައުރަކަށް ނަތަންޔާހޫ އިސްރޭލުގެ ބޮޑުވަޒީރު ކަމުގެ ހުވާކުރައްވާނެ ކަމަށް ބެލެވުނު ނަމަވެސް ނަތަންޔާހޫއަށް މިކަން ކާމިޔާބު ނުވެފައިވަނީ ކޯލިޝަނުގައި ހިމެނޭ ޕާޓީތައް އެއްގަލަކަށް ނޭރުވިގެންނެވެ.
ނަތަންޔާހޫ ސަރުކާރު އެކުލަވާލަން ނުކުޅެދިފައި ވާއިރު، ނަތަންޔާހޫގެ މައްޗަށް ތުހުމަތު ކުރެވޭ ތިން މައްސަލައިގެ ތަޙްޤީޤު ނިންމާ މިހާރު އޮތީ ޝަރީޢަތް ފެށުމުގެ މަރުހަލާގައެވެ. ތިން މައްސަލައިގައި ވެސް ފުލުހުން ވަނީ ނަތަންޔާހޫގެ މައްޗަށް ގިނަ ހެކިތަކެއް ހޯދާފައެވެ.
އިސްރާއިލްގެ ގާނޫނު ހަދާ މަޖިލީހުގެ އާއިންތިހާބު ދެން އޮންނާނީ ސެޕްޓެމްބަރ މަހުގެ 17 ވަނަ ދުވަހުއެވެ.