ކުރީގެ ސަރުކާރުން ވަކިކޮށްފައި ތިބި ފެނަކައިގެ 48 މީހަކަށް އަނބުރާ ވަޒީފާދީފި

ކުރީގެ ސަރުކާރުން ސިޔާސީ ބޭނުންތަކަށް ފެނަކައިން ކަނޑާލި 94 މުވައްޒަފުންގެ ތެރެއިން، 48 މުވައްޒަފަކަށް އަލުން އަނބުރާ ވަޒީފާ ދީފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢީދު މިކަން ހާމަކޮށްފައިވަނީ ފެނަކައިން މިއަދު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ސިޔާސީ ބޭނުމަށް ވަޒީފާ އިން ވަކިކުރި މުވައްޒަފުންގެ ތެރޭގައި އެ ކުންފުނީގައި ގިނަ ދުވަސްތަކަކު، އިހުލާސްތެރި ޚިދުމަތްތަކެއް ކޮށްދީފައިވާ މީހުން ހިމެނޭ ކަމަށް މިބައްދަލުވުމުގައި ސަޢީދު ވިދާޅުވިއެވެ.

އަނބުރާ ވަޒީފާދިން މީހުންގެ ވަޒީފާތައް ހަމަޖެހުނީ އެމީހުންގެ މައްސަލަތަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ބެއްލެވުމުގެ ދަށުން ސްކްރީން ކުރައްވައިގެން ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ. އަދި އަނބުރާ ވަޒީފާ ދިނީ އެ ކުންފުންޏަށް އަނބުރާ އަންނަން ބޭނުންވެފައި ތިބި 48 މީހުންނަށް ކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ.

ކުރީގެ ސަރުކާރުން ސިޔާސީ ސަބަބުތަކާއި، ނުހައްގުން ވަޒީފާ އިން ވަކިކޮށްފައިވާ މީހުންނަށް އަނބުރާ ވަޒީފާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

މިބައްދަލަވުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ މެނެޖިިން ޑައިރެކްޓަރުން އަބުދުﷲ ވަހީދު ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެ ކުންފުންޏަށް އުސޫލުން ބޭރުން 137 މީހަކު ވައްދައި، އެ މީހުންގެ ވަޒީފާ އެއް މަސް ދުވަހުގެ ތެރޭގައި ދާއިމީ ކޮށްފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން ބައެއް މުވައްޒަފުންގެ ފަރާތުން ކުންފުންޏަށް އެދެވޭ އެއްބާރުލުން ނުލިބޭއިރު، އެމުވައްޒަފުންގެ ވަޒީފާ ދާޢިމީވެފައިވަނީ ވަޒީފާއަށް ވަތްތާ އެއްމަސް ދުވަހުގެ ތެރޭގައިކަމަށްވެސް ވަޙީދުވިދާޅުވިއެވެ.

މީގެ އިތުރުން ވަޙީދު ވިދާޅުވީ މދިޔަ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހު ކުންފުނީގެ އާ މެނޭޖްމަންޓް ޙަވާލުވިފަހުން މިހާތަނަށް ނުހައްގުން އެއްވެސް މީހަކު ވަޒީފާ އިން ވަކިކޮށްފައި ނުވާނެ ކަމަށެވެ.

އެހެންނަމަވެސް އެ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން، ރީޖަނަލް އޮފީސްތައް އުވާލަން ބޯޑުން ނިންމުމުން އެ ތަންތަނުގައި ތިބި މުވައްޒަފުންގެ ވަޒީފާ ގެއްލުނުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ރީޖިނަލް އޮފީސްތަކުގެ ބަދަލުގައި ރަށްރަށުގެ އޮފީހާއި ކުންފުނީގެ ހެޑް އޮފީހާއި ގުޅިގެން މަސައްކަތް ކުރުމުން މަސައްކަތް ހަލުވިވެގެން ދާނެކަމަށް ސަޢީދު ބުނެފައިވާއިރު ކުންފުނީގެ އަމާޒަކީ ކަރަންޓް މައްސަލައެއް ދިމާވެއްޖެ ނަމަ އެންމެ ގިނައިރު ވެގެން ބައިގަޑިއިރު ތެރޭގައި އެކަމަށް އެޓެންޑްވުން ކަމަށް ކުންފުނީގެ އެމްޑީ ސަޢީދު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ