ވަކި ސިނގިރެޓް ވިއްކުން މަނާ ޤާނޫނު ތަންފީޒުކުރުމަށް ރައީސް ގޮވާލައްވައިފި

މުޅި މުޖްތަމަޢުގެ މަޞްލަޙަތަށްޓަކައި ހަދާފައިވާ، ވަކި ސިނގިރެޓް ވިއްކުން މަނާ ޤާނޫނުފަދަ މުހިންމުކަންކަން ތަންފީޒުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް، ތަންފީޒީ އިދާރާތަކަށް ގޮވާލައްވައިފިއެވެ.

ރައީސް މިކަމަށް ގޮވާލެއްވީ، ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ޚިޠާބުގައެވެ.

ރައީސް ޞޯލިޙް ވިދާޅުވީ، ދުންފަތް ކޮންޓްރޯލްކޮށް، ރައްޔިތުން ދުންފަތާ ދުރުކުރުމަށް ވެވަޑައިގެންނެވި ވަޢުދު ފުއްދުމުގައި، މިއަދަކީ ވަރަށް ތާރީޚީ ދުވަހެއް ކަމަށާއި، "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް، ލޭބަލް ޖެހުމާބެހޭ ޤަވާޢިދު" އަށް، މިއަދު ޢަމަލުކުރަން ފެށުމާއެކު، ވަކި ސިނގިރޭޓާއި، ބިޑި އަދި ސުއްޓާ ވިއްކުން މަނާވެފައިވާ ކަމަށެވެ.

"މުޅި މުޖްތަމަޢުގެ މަޞްލަޙަތަށްޓަކައި ހަދާފައިވާ މިފަދަ ޤާނޫނުތަކާއި ޤަވާޢިދުތައް، އެންމެ ފުރިހަމައަށް ތަންފީޒު ކުރުމަށް، ތަންފީޒީ އިދާރާތަކަށްވެސް އަޅުގަނޑު ގޮވާލަން." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

މި ޤަވާޢިދަށް ފުރިހަމައަށް ޢަމަލުކުރުމަކީ، ކޮންމެ ރައްޔިތެއްގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް، އުފެއްދުންތެރި އުފާވެރި ދިރިއުޅުމެއް ހޯދުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވެ، ދުންފަތުގެ ނުރައްކަލުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި، ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތައް ގުޅިގެން، ފަރުދީ އަދި އިޖްތިމާޢީ ފެންވަރުގައި މަސައްކަތް ކުރުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވިއިރު، މިއަދުން ފެށިގެން އަލަށް އަމަލުކުރަން ފަށާ، "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްޖެހުމާބެހޭ ޤަވާއިދާ" ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

މި ޤަވާއިދު ބުނާގޮތުން މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން ވަކި ސިނގިރެޓް އަދި ބިޑި ވިއްކުން މަނާވާނެއެވެ. އަދި ގަވާއިދު ބުނާގޮތުން ރާއްޖޭގައި އުފައްދާ/ބަންދުކުރާ ނުވަތަ ރާއްޖެ އެތެރެކުރާ އަދި ވިއްކާ ދުންފަތާއި ދުންފަތް ހިމެނޭ ބާވަތްތައް ބަންދުކޮށްފައި ހުންނަންޖެހޭނީ ވަކި މިންވަރަކަށް ކަމަށެވެ.

ޤަވާއިދުން ދުންފަތުގެ ބާވަތްތައް ބަނދުކުރެވޭނެ މިންވަރު:

– ސިނގިރޭޓް: މަދުވެގެން 20 ސިނގިރޭޓް ހިމެނޭ ފޮށްޓެއް.
– ބިޑި: މަދުވެގެން 50 ބިޑި ހިމެނޭ ފޮށްޓެއް ނުވަތަ ބޮނޑިއެއް.
– ދުންފަތާއި ދުންފަތުގެ އެހެން ބާވަތްތައް: މަދުވެގެން 30 ގްރާމް ހިމެނޭގޮތަށް.

އެޗްޕީއޭއިން ވިދާޅުވީ، ޤަވާއިދާ ޚިލާފުވާ ފަރާތްތަކަށް ޤަވާއިދުގައި ކަނޑައެޅިފައިވާ ގޮތަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. މި ޤަވާއިދާ ޚިލާފުވެއްޖެނަމަ ، އެކުށް ކުރުމަށް ބޭނުންކުރި މުދަލެއްގެ އަގާއި، ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ 10 ގުނައިން ޖޫރިމަނާ ކުރެވޭނެއެވެ.

މިފަދަ ކުށެއް ތަކުރާރުކުރާ ފުރަތަމަ ފަހަރު ޤާނޫނުގައި ކަނޑައަޅާފައިވާ ޖޫރިމަނާގެ އިތުރުން 5000ރ، ދެވަނަ ފަހަރަށް 10000ރ އަދި ތިންވަނަ ފަހަރަށް 20000ރ ގެ އިތުރުން ދެން ތަކުރާރުކޮށްފިނަމަ ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު ޖޫރިމަނާ ކުރައްވާނެކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް