މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތ. ކިނބިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އެރަށު ގެއެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރަން ތިބިކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މެއި 30 ވަނަ ދުވަހުގެރޭ 20:20 ހާއިރު ހިންގި އޮޕަރޭޝަންގައި، ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއް ކަމަށެވެ.
"މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށްގެނެސް ބަލައި ފާސްކުރިއިރު މި ދެމީހުން ތިބި ތަނުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކަރުދާސްކޮޅެއް ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާއިރު، ކިނބިދޫ ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަ ތަހުޤީޤުކުރަމުންނެވެ.