5 އަހާރާއި 7 އަހަރާއި ދެމެދުގެ ކުދިންނަށް ސްކައުޓް ތައާރަފްކޮށްފި

އުމުރުން ފަސް އަހަރާއި ހަތް އަހަރާއި ދެމެދުގެ ކުދިންނަށް ސްކައުޓުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް "ޕްރީ-ކަބް" ސެކްޝަނެއް ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފިއެވެ.

ރާއްޖެއަށް ސްކައުޓް ތައާރަފް ކުރިތާ 63 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި މޭ 30 ގައި "ޕްރީ-ކަބް" ތައާރަފްކުރިއިރު، އެޕްރޮގްރާމް ހާއްސަވަނީ ޔޫކޭޖީ އަދި ގްރޭޑް އެކެއްގައި އުޅޭ ކުދިންނަށެވެ.

ސްކައުޓް އެސޯސިއޭޝަނުން ވިދާޅުވީ، "ޕްރީ-ކަބް" ސެކްޝަން އިފްތިތާހް ކުރުމުން އެއުމުރުފުރާގެ ކުދިންނަށް ސްކައުޓް ހަރަކާތް ހިންގުމަށް ލީޑަރުން ތަމްރީނު ކުރާނެ ކަމަށެވެ. 

ރާއްޖޭގައި ސްކައުޓް ފެށިތާ 63 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ސްކައުޓް ކުދިންނަށް ހާއްސަކޮށް ތައާރަފްކުރި އިތުރު ޕރޮގްރާމްތަކުގެ ތެރޭގައި، "ވޯލްޑް ސްކައުޓް އެންވަޔަރަމެންޓް ޕްރޮގްރާމް އާއި ބެޖް" އާއި "މެސެންޖާސް އޮފް ޕީސް" އަދި "އެނާޖީ އެފިޝަންސީ ބެޖް" ހިމެނެއެވެ.

2007 ވަނަ އަހަރަށްފަހު ސްކައުޓް ޖަމްބޮރީއެއް ބާއްވާފައި ނުވާއިރު، 13 އަހަރަށްފަހު ސްކައުޓް ހަރަކާތުގެ އެންމެ ބޮޑު އިވެންޓު ކަމުގައިވާ ނުވަ ވަނަ ނޭޝަނަލް ސްކައުޓް ޖަމްބޮރީއެއް 2020 ވަނަ އަހަރުގެ މާޗު މަހު ބޭއްވުމުގެ މަސައްކަތް ކުރަމުންދާކަން އެ އެސޯސިއޭޝަނުން ވަނީ ހާމަކޮށްފައެވެ.

ސްކައުޓް ހަރަކާތް ރާއްޖޭގައި ރަސްމީކޮށް ފަށާފައިވަނީ 1956 ވަނަ އަހަރު މޭ 30 ގައި މަޖީއްދިއްޔާ ސްކޫލްގައެވެ. އިތުރު ސްކޫލްތަކުގައި ސްކައުޓް ހަރަކާތް ފެށި، ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އުފެދިފައިވަނީ 1984 ވަނަ އަހަރުއެވެ. އަދި 23 ޖުލައި 1990 ވަނަ އަހަރުން ފެށިގެން ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަކީ ދުނިޔޭގެ ސްކައުޓް ޖަމާއަތުގެ މެމްބަރެކެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް