މިއަހަރުގެ ފިޠުރު ޒަކާތް ބެހުން މާދަމާ އޮންނާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ބުނެފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ބުނީ ފިޠުރު ޒަކާތް ދޫކުރުމަށް ހަމަޖެހިފައިވަނީ 1440 ވަނަ އަހަރު އަލަށް އެކުލަވާލެވުނު ފަޤީރުންގެ ދަފްތަރުގައިވާ ފަރާތްތަކަށް ކަމަށެވެ. އަދި ފިޠުރު ޒަކާތް ދޫކުރެވޭނީ ފަޤީރުންގެ ދަފުތަރުގައިވާ ފަރާތުގެ އައިޑީކާޑު، ޕާސްޕޯޓް ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓުގެ އަސްލު ގެނައުމުން ކަމަށެވެ.
މާލޭގައި ފިޠުރު ޒަކާތަށްވާ ފައިސާ ދޫކުރަން ހަމަޖެހިފައިވަނީ، އިސްލާމީ މަރުކަޒު ހޯލުގައި ހެނދުނު 9:30 އިން މެންދުރު 12:00 އަށް، 12:45 އިން ހަވީރު 15:30 އަށް އަދި ރޭގަނޑު 21:00 އިން 23:00 އަށެވެ.
އަދި ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދޫކުރުމަށް ހަމަޖެހިފައިވަނީ، ޢަރަބިއްޔާ ސްކޫލް ހޯލުގައި ހެނދުނު 9:30 އިން މެންދުރު 12:00 އަށް، 12:45 އިން ހަވީރު 15:30 އަށް އަދި ރޭގަނޑު 21:00 އިން 23:00 އަށެވެ.
މި ރަމަޟާން މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 3،313،598ރ (ތިން މިލިއަން ތިންލައްކަ ތޭރަހާސް ފަސްސަތޭކަ ނުވަދިހަ އަށްރުފިޔާ) ލިބިފައި ވެއެވެ.