އިޤްތިޞާދު ފޫދިޔައީ އެމް.ޑީ.ޕީ ގެ ހިންގުމުގެ ހުނަރާއި، ރޭވުންތެރިކަން ނެތުމުން ކަމުގައި ޕީޕީއެމް އިން ވިދާޅުވެއްޖެއެވެ.
ޕީޕީއިން އިން މިފަދައިން ވިދާޅުވެފައިވަނީ، އަންނަ އަހަރުގެ ބަޖެޓް އެހާ ބޮޑުވެގެން ދަނީ ކުރީގެ ސަރުކާރުން ހާއްސަކޮށް ޗައިނާއިން ނަގާފައިވާ ބޮޑެތި ލޯނުތައް އަނބުރާ މި ސަރުކާރަށް ދައްކަން ޖެހުމުން ކަމަށް ވިދާޅުވުމުންނެވެ.
ޕީޕީއެމް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް ކާރިސާ ފެށުނީއްސުރެ ސަރުކާރުން ހަދަމުންދާ އިޤްތިޞާދީ ބޮޑެތި ގޯސްތަކުގެ ސަބަބުން، އެއްވެސް ލޯނެއް ނުދެއްކޭނެކަމަށް ވާނަމަ، އެ ލޯނުތައްވެސް ޗައިނާއިން ފަސްކޮށްދޭނެކަމަށް ވަނީ މިހާރުވެސް ހާމަކޮށްފައި ކަމަށެވެ.
"މިފަދަ ދަނޑިވަޅެއްގައި އިތުރު ދަރަނި ދިވެހިންގެ ބޮލުގައި އަޅުވައިގެން ސިޔާސީ ފައިދާއަށާއި ފަސާދައަށް ބަޖެޓުގެ ބޮޑުބައެއް ކަނޑައަޅަށް ޤަސްދުކޮށް، ބަހަނާއެއްގެ ގޮތުގައި ޗައިނާގެ ލޯނުގެ ވާހަކަ ދައްކަން ޖާގައެއް ނޯންނާނެ" ޕީޕީއެމް އިން ވިދާޅުވިއެވެ.
އިޤްތިޞާދު ފޫދިޔައީ އެމް.ޑީ.ޕީ ގެ ހިންގުމުގެ ހުނަރާއި، އިޙްލާސްތެރިކަމާއި، ޤާބިލުކަމާއި، ތަޖުރިބާ އަދި ރޭވުންތެރިކަން ނެތުމުން ކަމަށާއި ނަމަވެސް، ސަރުކާރުގެ އިހުމާލުން ވިއަސް، ދިވެހި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ކޮންމެ ހިނދެއްގައި، ޕީ.ޕީ.އެމް އިން ދާނީ ރައްޔިތުންގެ ޙައްޤުގައި އެކި ފަރާތްތަކާ މަޝްވަރާކޮށް، ޤާއިމުވެފައިވާ އިތުބާރުގެ ގުޅުންތަކުގެ ތެރެއިން މައްސަލަތައް ޙައްލުކުރަމުން ކަމަށް ވިދާޅުވިއެވެ.
އެގޮތުން، ޗައިނާގެ ލޯނުތަކުގެ ވާހަކަވެސް އެފަރާތުގައި ދަންނަވައިގެން ފަސްކުރަންޖެހޭނަމަ، އެކަން މިޕާޓީން ފަސޭހަކަމާއެކު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.




