ޕާޓީ މެންބަރުން ދަރަޖަ ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
އަލީ ނިޔާޒް މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ފުރަތަމަ ފަހަރަށް ތަޢާރަފްކުރި "ލޯޔަލިޓީ ކާޑު" އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ތަޢާރަފު ކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ތިން ކެޓެގެރީއަކުން ޕީޕީއެމްއިން މެމްބަރުންނަށް ލޯޔަލްޓީ ކާޑުތަކެއް މިއަދު ތަޢާރަފްކޮށްފައިވާއިރު، މިއީ ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ލޯޔަލްޓީ ތަޢާރަފްކުރި ފުރަތަމަ ފަހަރެވެ. މި ކާޑު ތަޢާރަފް ކޮށްފައިވަނީ ހ. ދިމްޔާތުގެ 7 ވަނަ ފަންގިފިލާގައި މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޕީއެންސީ ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) އެވެ.
މިކަމާއި ގުޅިގެން އަލީ ނިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕާޓީ މެމަބަރުން ދަރަޖަ ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި، ޕާޓީގެ ކޮންމެ މެންބަރެއްގެވެސް ޕާޓީއަށް ލޯޔަލްޓީ އޮންނަންވާނީ އެއް މިންވަރަކަށް ކަމަށެވެ. އަދި މީއީ މެމްބަރުން ތަފާާތު ކުރުން ކަމަށްވެސް އަލީ ނިޔާޒް ފާހަގަކުރެއްވިއެވެ.
ޕާޓީ މެމަބަރުން ދަރަޖަ ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން. ޕާޓީގެ ކޮންމެ މްބަރެއްގެ ވެސްޕާޓީއަށް ލޯޔަލްަޓީ އޮންނަންވާނީ އެއް މިންވަރަކަށް. މީ އީ މެމްބަރުން ތަފާާތު ކުރުން. https://t.co/kIGC9N5eJ1
— Ali Niyaz ???? (@ali_niya) October 16, 2020
ޕީޕީއެމްއިން ތަޢާރަފްކުރި ލޯޔަލްޓީ ކަޑުގެ ފުރަތަމަ ކާޑު އަރުވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުﷲ އަށެވެ. އެ ރަމްޒީ ކާޑާއި އެމަނިކުފާނުގެ ފަރާތުން ހަވާލުވެލެއްވީ، ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އެވެ.
ޕީޕީއެމްގެ ލޯޔަލްޓީ ކާޑު ހަތަރު ކެޓަގަރީ އަކަށް ވިއްކަން ނިންމާފައިވާ އިރު، އެއީ ގޯލްޑް، ސިލްވަރ، މެޖެންޓާ އަދި ޕްލެޓިނަމް ކެޓަގަރީ އެވެ.
ޕީޕީއެމްއިން ތަޢާރަފްކުރި ލޯޔަލްޓީ ކާޑަކީ، އިދިކޮޅުގެ އެކި ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް، ފައިސާ ހަދިޔާ ކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ތައާރަފްކޮށްފައިވާކާޑެއްކަމަށްވެސް އެޕާޓީއިން ބުނެއެވެ. އެގޮތުން މި ކާޑު މެދުވެރިކޮށް 100 ރުފިޔާއިން ފެށިގެން ކޮންމެ މަހެއްގެ މައްޗަށް ފައިސާ އިދިކޮޅުގެ ފަންޑަށް ހަދިޔާ ކުރެވޭނެ އެވެ.



