ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، މ. ނޫހިރި އަލްއުސްތާޛާ ޙިސާން ޙުސައިން މިއަދު ޢައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛާ ޙިސާން ޙުސައިން އެމަޤާމަށް މި ހަމަޖެއްސެވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ބ) އާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 5 ވަނަ ނަންބަރުގައިވާ ގޮތުގެމަތީންނެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، އަލްއުސްތާޛާ ޙިސާން ޙުސައިން، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއިރު، ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ.
މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛާ ޙިސާން ޙުސައިންއާ ވަނީ ޙަވާލުކުރައްވައިފައެވެ.