ޒުވާނުންނަށް ޚާއްސަކޮށްގެން ސަރުކާރުން ޤާއިމުކުރި ޔޫތު ތާރޑް ސްޕޭސް، "ޒުވާނުންގެ ވެހި" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
މި ތާރޑް ސްޕޭސް ޤާއިމުކޮށްފައިވަނީ ލިލީމަގުގައި ހުންނަ، މުލިއާގެ ގަރާޖުގެ ގޮތުގައި ކުރިން ބޭނުންކުރަމުން ދިޔަ އިމާރާތާއި ގޯތީގައެވެ. މިތަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހީމް ވަޙީދާއި ދައުލަތުގެ ބައެއް ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި މަރުކަޒުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުން ބާރުވެރިކޮށް، އެމީހުންނަށް ބޭނުންވާ އެކި ކަހަލަ ހުނަރުތައް ތަރައްޤީކުރުމަށް ތަފާތު ހަރަކާތްތައް ކުރިއަށްގެންދިއުމެވެ. މިތަން ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިތަނުގައި ޤާއިމުކޮށްފައިވާ ސްޓޯލްތަކާއި މަސައްކަތްތައް ބައްލަވާލައްވާފައެވެ. "ޒުވާނުންގެ ވެހި" ގައި ޒުވާނުންގެ އީޖާދީ އަދި ހުނަރުވެރި މަސައްކަތްތައް ދައްކުވައިދޭ ގިނަ ސްޓޯލްތަކެއް ހިމެނެއެވެ. އެގޮތުން ކްލޭ ސްޓޫޑިއޯ ސްޓޯލް، އޯގާ ސްޓޯލް، އާޓް އެގްޒިބިޝަން ސްޓޯލް، ލައިވް އާޓް ސްޓޯލް، ކަސަބު ސްޓޯލް، އާޓްވޯކް ސްޓޯލް، މޫރަލް ސްޓޯލް، އެންދެރި ޖުވެލަރީ ސްޓޯލް، ކެލިގްރަފީ ސްޓޯލް، މެކް-މާމަ ކްރާފްޓް ސްޓޯލް، ޖުވެލަރީ ސްޓޯލް އަދި އޭ.އައި އެންޑް ރޮބޮޓިކްސް ސްޓޯލް ހިމެނެއެވެ.
މުލިއާގެ ގަރާޖުގެ ގޮތުގައި ކުރިން ބޭނުންކުރަމުންދިޔަ އިމާރާތުގައި "ޔޫތު ތާރޑް ސްޕޭސް" އެއް ޤާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ 18 ނޮވެންބަރު 2024 ގައެވެ. މި ނިންމެވުމުގެ ބޭނުމަކީ މުޖުތަމަޢަށް ފައިދާހުރި ކަންތައްތަކެއް ކުރާ ތަނަކަށް އެތަން ބަދަލުކުރުމާއި، ޒުވާނުންނާ ގުޅޭ ހަރަކާތްތައް ހިންގުމަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ޙައްލު ހޯދައިދިނުމެވެ. ރައީސުލްޖުމްހޫރިއްޔާ މީގެކުރިން ވިދާޅުވެފައިވަނީ މިފަދަ ތަންތަނަކީ ޒުވާނުންގެ އީޖާދީ ވިސްނުން ހަޤީގަތަކަށް ހަދައި، ޒުވާނުން ބާރުވެރިކުރުވުމަށް މުހިންމު މަންސައެއްކަމުގައެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި، ޔޫތު ތާރޑް ސްޕޭސް ފަރުމާކޮށްފައިވަނީ ޒުވާނުންނާއި ގުޅުންހުރި ތަފާތު ހުނަރުވެރި ޕްރޮގްރާމްތައް ހިންގުމާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ރާވައި އިންތިޒާމުކުރުމަށެވެ. މީގެ އިތުރުން، ޒުވާނުންނަށް ދުޅަހެޔޮ ހަށިހެޔޮ އަދި ނަފްސާނީ ގޮތުން ހިތްހަމަޖެހޭ ފަދަ މާހައުލެއް ޤާއިމުކުރުމާއި، ޔޫތު ކައުންސެލިންގ އަދި ޔޫތު ވެލްބީންގ ޚިދުމަތް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ޚާއްޞަ "ތާރޑް ސްޕޭސް" އޭރިއާތަކަކީ ޒުވާނުންގެ ހުނަރުތައް އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރުމަށް ލިބޭ ވަރަށް ބޭނުންތެރި މުހިންމު ތަނެކެވެ. މިތަނުގައި ކުރިއަށް ގެންދެވުމަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި އެކިކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިންގ، ކޮމިއުނިޓީ އާޓް ވޯލް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، މަސައްކަތު ބައްދަލުވުން، އަދި ކަލިނަރީ އިވެންޓްތައް ހިމެނެއެވެ. މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިކުރުމަށް ވެސް މިތަނުގެ ބައެއް ހަމަޖެއްސުމަށް ވަނީ ރާވާފައެވެ.



