ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް އެމްޕީއެލްއިން ވަޒީފާ ދީފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަޒީފާގެ ފުރުސަތު ޔަޤީންކޮށްދެއްވުމަށް ކުރިއަށްގެންދާ "ފަހި ޕްރޮގްރާމް – އެކުއެކީ ގުޅިގެން"ގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

އެމްޕީއެލްއިން ވިދާޅުވެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އެހީތެރިވެދިނުމުގެ ގޮތުން، އެ ކުންފުނީގައި މަސައްކަތް ކުރުމުގެ ފުރުސަތު މި ފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ. މި ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުގެ ތެރެއަށް ހިމެނުމަށް ކުރާ މުހިންމު މަސައްކަތެކެވެ. މި ރަސްމިއްޔާތުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް ވަޒީފާގެ ފުރުސަތު ހަމަޖައްސައިދީފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ސަރވިސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، އެމްޕީއެލްގެ އަމާޒަކީ މި ޕްރޮގްރާމަކީ އަބަދުވެސް ދިރުންހުރި ޕްރޮގްރާމަކަށް ހެދުން ކަމަށެވެ. ޢަބްދުﷲ ރަޝީދު ފާހަގަކުރެއްވި ގޮތުގައި، މިހާރުވެސް ނުކުޅެދުންތެރިކަން ހުންނަ 32 މީހަކު އެމްޕީއެލްގެ ވަޒީފާގައި ތިބިއިރު، އޭގެތެރޭގައި 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މުވައްޒަފުންވެސް ހިމެނެއެވެ. އޭނާ އިތުރަށް ވިދާޅުވީ، ކޮންޓްރެކްޓް އުސޫލުން ވަޒީފާ ހަމަޖެއްސިނަމަވެސް، އޮނިގަނޑުގެ ތެރެއިން ހުނަރަށް ބަލައި މި ފަރާތްތައް އެމްޕީއެލްގެ ދާއިމީ މުވައްޒަފުންނަށް ވާނެ ކަމަށެވެ. މި ވަޒީފާތަކުގެ ތެރޭގައި ކުޅުދުއްފުށި ޕޯޓާއި ސ. ހިތަދޫ ޕޯޓުން ވެސް ފުރުސަތު ހިމެނެއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، އެމްޕީއެލްގެ ވެބްސައިޓްގައި ލޮލަށް ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް ޚާއްސަކޮށް ތަޢާރަފްކުރި އެކްސެސިބިލިޓީ ފީޗާރެއް ވެސް ވަނީ އިފްތިތާހުކޮށްފައެވެ. މި ފީޗަރ އިފްތިތާހުކޮށްދެއްވީ އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު އައިޝަތު ޝިހާމްއެވެ. އެމްޕީއެލްއިން ވިދާޅުވީ މިއީ ރާއްޖޭގެ ވެބްސައިޓެއްގައި މިފަދަ ފީޗާއެއް ތައާރްކުރެވުނު ފުރަތަމަ ފަހަރުކަމަށާއި، މިއީ އެ ކުންފުނިން ވަރަށް ފަޚުރުވެރިވާ ކަމެއްކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން، މި ސަރުކާރުގެ 2 އަހަރުގެ ތެރޭގައި ޖުމްލަ 333 މީހަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ. މީގެތެރޭގައި ހިމެނެނީ ސަރުކާރުގެ ކުންފުނިތަކުން ފަހިކޮށްދީފައިވާ 288 ވަޒީފާގެ ފުރުސަތާއި، ސިވިލް ސާރވިސްގެ ތެރެއިން ފަހިކޮށްދީފައިވާ 45 ވަޒީފާގެ ފުރުސަތެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ