ތުރުކަމަނިސްތާނުން އެގައުމުގެ ފަހުރެއް ކަމަށް ދެކޭ އަލަބާއީ ކުއްތާއެއްގެ ރަމުޒު ދައްކުވައިދޭ ބުދެއް ރަނުން ހަދައި ދައްކާލުމަށް ބަހައްޓައިފިއެވެ.
މި ބުދުގެ ބޮޑުމިނުގައި 19 ފޫޓު ހުންނައިރު މި ބުދު އާމުންނަށް ފެއްނާނެ ގޮތަށް ބެހެއްޓެމަށް ދައްކާލައިފައިވަނީ އެގައުމުގެ ރައީސް ގާބަންގޫލީ ބާރޑީމުހައްމަޑޯވް އެވެ.
މިހަފްތާގެ އަންގާރަ ދުވަހު މިކަމަށްޓަކައި ތުރުކަމަނިސްތާނުގެ ވެރިރަށް އަޝްގަބާދުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައިވާއިރު މި ރަސްމިއްޔާތުގައި ބާރޑީމުހައްމަޑޯވްގެ އިތުރުން ސަރުކާރުގެ އިސްފަރާތްތަކުން ބައިވެރިވެފައި ވެއެވެ.

ތުރުކަމަނިސްތާނުގެ ނޭޝަނަލް ހެރިޓޭޖްގެ ގޮތުގައި ކަނޑައަޅައިފައިވާ އަލަބާއީ ކުއްތާއަކީ ތުރުކަމަނިސްތާނުގެ ރައީސް ވަރަށްބޮޑަށް ގަޔާފުޅުވާ ކުއްތާއެކެވެ. މިގޮތުން މިދިޔައަހަރު ރައީސްވަނީ އަލަބާއީ ކުއްތާއަށް ހާއްސަ ފޮތެއްވެސްވަނީ ނެރެދެއްވައިފައެވެ.
މިކުއްތާގެ ރަމްޒު ހެދުމަށް ކިހާއަދަދެއްގެ ފައިސާއެއް ހޭދަކޮށްފައިވާކަން އެގައުމުން ހާމަކޮށްފައި ނުވާއިރު ތުރުކަމަނިސްތާނަކީ ޕުރެސް ފުރީޑަމް އިންޑެކްސްގައި ވަރަށް ފަހަތުގައި އުޅޭ ގައުމެކެވެ. މިގޮތުން އާރުއެސްއެފްގެ ޕުރެސް ފުރީޑަމް އިންޑެކްސްގައި ތުރުކަމަނިސްތާން އުޅެނީ އުތުރު ކޮރެއާއަށްފަހު އެންމެ ދަށުގައެވެ.
ހުޅަނގުގެ މީޑިއާތަކުން ތުހުމަތުކުރާ ގޮތުގައި ތުރުކަމަނިސްތާނުގެ ވެރިންގެ ދިރިއުޅުމުގެ ވައްޓަފާޅި ކިތަންމެ ތަނަވަސް ނަމަވެސް އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ވަރަށް ދަށެވެ. ތުރުކަމަނިސްތާނަކީ އެގައުމުގެ ޚަބަރުތައް ފެތުރުމުގައި ވަރަށް ބޮޑު ހިފެހެއްޓުމެއް ގެންގުޅޭ ގައުމެއް ކަމުން ސަރުކާރުން ފޯރުކޮށްދޭ މައުލޫމާތެއް ފިޔަވައި ގައުމާއިބެހޭ މާބޮޑު މައުލޫމާތެއް ދުނިޔެއަކަށް ނޭންގެއެވެ.

ތުރުކަމަނިސްތާނުގެ ރައީސްއަކީ ދިރޭތަކެއްޗަށް ވަރަށް ބޮޑަށް ލޯބިފުޅުވާ ބޭފުޅެކެވެ. މިފަދަ ތަކެތީގެ ރަނުން ޖަރީކޮށްފައިވާ ބުދުތައް އެގައުމުގެ އެކިހިސާބުތަކުގައި އާމުންނަށް ފެއްނާނެ ގޮތަށް ބެހެއްޓިފައި ހުރެއެވެ. މިގޮތުން 2015 ވަނަ އަހަރުވެސްވަނީ އަހެއްގެ ބުދެއް ރަނުން ޖަރީކޮށް އާމުންނަށް ފެއްނާނެ ގޮތަށް ބަހައްޓައިފައެވެ.




