އެފްބީއައިގެ އެންމެ ހޯދަން ބޭނުންވާ މީހުންގެ ލިސްޓުގައި ހިމެނޭ އަދި އަލްގައިދާގެ އިސް ލީޑަރެއް ކަމަށްވާ އަބޫ މުހައްމަދު އަލް-މަސްރީ މަރާލައިފައިވާކަމަށް ބުނެ ފެތުރޭ ޚަބަރުތައް އީރާނުން ދޮގުކޮށްފިއެވެ.
ނިއުޔޯކު ޓައިމްސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އަބޫ މުހައްމަދު އަލް-މަސްރީ މަރާލައިފައިވަނީ އީރާނުގެ ވެރިރަށް ތެހެރާނުގެ މަގެއްގެ މަތީ ކުޑަ އަންހެން ކުއްޖަކާއެކު ދަނިކޮށް އިސްރާއިލްގެ ސިއްރު ސިފައިންގެ ދެމީހުން ބަޑިން ހަމަލާދީއެވެ. އަދި މި ހަމަލާދީފައިވަނީ އެމެރިކާގެ އަމުރަށް ކަމަށްވެސް މި ރިޕޯޓުގައި ބުނެފައި ވެއެވެ.
އެމެރިކާގެ އެފްބީއައި އިން އަބޫ މުހައްމަދު އަލް-މަސްރީ ހޯދަން އިއުލާން ކޮށްފައިވަނީ1998 ވަނަ އަހަރު އެފްރިކާގައި ހުރި އެމެރިކާގެ އެމްބަސީތަކަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެންނެވެ. މި ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކުވަނީ މަރުވެފައެވެ.

ނިއުޔޯކު ޓައިމްސްގައި ރިޕޯޓު ކޮށްފައިވާގޮތުން އަބޫ މުހައްމަދު އަލް-މަސްރީ މަރާލައިފައިވަނީ އޮގަސްޓް ހަތްވަނަ ދުވަހުއެވެ. އަދި މި ހަމަލާ ސިއްރު ކުރުމަށް އީރާނުން މަސައްކަތް ކޮށްފައިވާކަމުގެ ހެއްކެއްގެ ގޮތުގައި މި ރިޕޯޓުގައި ބުނެފައިވަނީ މިދުވަހު ދިން ހަމަލާގައި މަރުވެފައިވަނީ ލުބުނާނުގެ ހިސްޓްރީ ޕްރޮފެސަރާއި އަދި އޭނާގެ އަންހެން ދަރިފުޅު ކަމަށް އީރާނުން ބުނެފައިވާ ކަމަށެވެ.
ނިއުޔޯކު ޓައިމްސްގެ މިރިޕޯޓު ދޮގުކުރަމުން އީރާނުގެ ފޮރިން މިނިސްޓްރއިން ބުނެފައިވަނީ، އެެމެރިކާ އާއި އިސްރޭލުން އީރާނާ ޓެރަރިސްޓް ގުރޫޕުތަކާއި ގުޅުން އޮއްނަކަން ދެއްކުމަށް ދޮގުހަދައި ސައްހަ ނޫން މައުލޫމާތުތައް މީޑިއާއަށް ހާމަކުރަމުންދާ ކަމަށެވެ. އަދި އީރާނުގައި އަލްގައިދާ އަށް ނިސްބަތްވާ ޓެރަރިސްޓުން ނޫޅޭނެ ކަމަށެވެ.
މި ރިޕޯޓާއި ގުޅިގެން އެމެރިކާ އާއި އަދި އިސްރޭލުން ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.



