ބަކާ ދިއްދޫގައި ފުޓްބޯޅަ އެކަޑަމީއެއް ފަށައިފި

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އޭނާގެ ނަމުގައި ހއ. ދިއްދޫގައި ފުޓްބޯޅަ އެކަޑަމީއެއް ފަށައިފި އެވެ.

"ބަކާ ފުޓްބޯލް އެކަޑަމީ" ގެ ނަމުގައި ފެށި މި އެކަޑަމީން ތަމްރީން ދޭނީ 5-14 އަހަރާ ދެމެދުގެ ކުދިންނަށެވެ. ކޯޗުކޮށްދޭނީ އެ ރަށުގައި ތިބީ ސީ ލައިސަންސް ދެ ކޯޗުންނެވެ. އަދި ބަކާ ދޭތެރެ ދޭތެރެއިން އެ ރަށަށް ޒިޔާރާތްކޮށް ތަމްރީންތައް ބަލައި ލަފާ ދޭނެ އެވެ.

ސ. ހިތަދު އަށް އުފަން ބަކާ ބުނީ ދިއްދޫގައި އެކަޑަމީ ފެށީ މިދިޔަ ދެ ތިން އަހަރު އެ ރަށުގެ މުބާރާތްތަކުގައި ކުޅެން ގޮސް އުޅުމުގެ ތެރޭގައި އެ ރަށުގައި ހުނަރުވެރި ކުޅުންތެރިން ތިބިކަން ފާހަގަވުމުން، ފުރުސަތު ނެތް ރަށެއްގައި މިފަދަ ޕްރޮގްރާމެއް ފަށަން ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ބޮޑަށް މި ރަށުން ހުނަރުވެރި ކުޅުންތެރިން ފެނުނު. އަދި އެ ކުދިންނަށް ފުރުސަތު ހޯދައިދޭން ބެލެނެވެރިން ބޭނުންވާ މިންވަރު ވެސް ފެނުނު. އެހެންވެ ތަމްރީން ފުރުސަތެއް މިވަގުތު ނެތް އަދި ފުޓްބޯޅައިގައި ލޯބި އޮތް ރަށެއްގައި އެކަޑަމީ ފަށަން ވެގެން ދިއްދޫގައި މި ފެށީ،" އައްޑޫ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމުން ފާހަގަވެ 2004 ގައި އައިއެފްސީން ފުރަތަމަ ޑިވިޝަނުގައި ކެރިއަރު ފެށި ބަކާ ބުންޏެވެ.

ރާއްޖޭން ދެކުނު އޭޝިއާގެ ޗެމްޕިއަންކަން ހޯދި ދެ ފަހަރު ވެސް، 2008 އަދި މިދިޔަ އަހަރު ގައުމީ ޓީމަށް ކުޅުނު ބަކާ ބުނީ އުއްމީދަކީ މުސްތަގުބަލުގައި ދިއްދޫގެ ކުޅުންތެރިންތަކެއް ގައުމީ ޓީމުން ފެނުން ކަމަށެވެ.

"މިއީ އަޅުގަނޑު ފުޓްބޯޅައަށް ވެސް ކޮށްދޭ މަސައްކަތެއް. އުއްމީދުކުރަނީ މި ރަށުގެ ކުދިން ގައުމީ ޓީމުން ފެންނާނެ ކަމަށް. އެހާ ވެސް ހުނަރުވެރި ކުދިން އެބަތިބި. އެ ކުދިންނަށް ބޭނުންވަނީ ފުރުސަތު،" ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް 2010 ގައި ހޯދި ބަކާ ބުންޏެވެ.

މެމްބަޝިޕް ފީއެއް ނަގައިގެން އެކަޑަމީގައި ބައިވެރިވެވޭއިރު، އެކަޑަމީގެ އިދާރީ ކަންކަން ކުރިއަށްގެންދާނީ ދިއްދޫގެ ޖަމިއްޔާއެއް ކަމަށްވާ ބްލެކްޒީނޯ އިންނެވެ.

ދުނިޔޭގެ މަޝްހޫރު ވަރަށް ގިނަ ކުޅުންތެރިން އަމިއްލަ ގައުމުގައި އެކަޑަމީތައް ހިންގި ނަމަވެސް މިއީ ރާއްޖޭގައި އެހާ އާއްމު ކަމެއް ނޫނެވެ. ޓީސީ ސްޕޯޓްސް ކްލަބުގެ ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) ޅ. ހިންވަރުގައި އެކަޑަމީއެއް ކުރިއަށްގެންދާ އިރު މީގެ ކުރިން ޝަމްވީލް ގާސިމް (ބޮންޑާ) އައްޑޫ ސިޓީގައި އެކަޑަމީއެއްގެ މަސައްކަތްކުރި އެވެ. ރާއްޖޭގައި އެކަޑަމީތައް ހިންގަމުން އަންނަނީ ކްލަބްތަކުންނާއި ކުރީގެ ބައެއް ކޯޗުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް