އިސްލާމީ މަރުކަޒު - ފެށުން ފޮޓޯ: ވިސާމް

ޝައްވާލުމަހުގެ 6 ރޯދައިގެ މުހިއްމުކަން

ރަމަޟާންމަހަކީ ބަރާކާތުން ފުރިގެންވާ އަޅުކަމުގެ މައްސަރެކެވެ. މީސްތަކުން އަޅުކަމުގައި ހީވާގިވާ ދުވަސްވަރެކެވެ. މާތް ﷲ ގެ ރަޙްމަތް މީސްތަކުންގެ މެދުގައި ބައްސަވާ މަހެކެވެ. ބުއްދިވެރިއަކީ އެ ނިޢުމަތްތައް ހޯދުމަށް ގަދައަޅާ މީހާއެވެ. ސަވާބާއި ދަރުމަހޯދުމަށް އަވަސްވެގަންނަ އަޅުތަކުންނަށް އުފަލުގެ ކޮޅެއްނެތެވެ.

އަލްޢައްފާރުވަންތަ އިލާހުގެ ފުއްސެވުމަށްއެދި ދުޢާކުރާ އަޅުތަކުންނީ ﷲ ގެ ރަޙުމަތުން ތަޤުވާވެރިންނެވެ. އެބައިމީހުންގެ މަންޒިލަކީ ދުލަކުން ގަލަމަކުން ބަޔާންކުރެވޭ ވަރަށްވުރެ ފުރިހަމަތަނެކެވެ. ކީރިތި ޤުރުއާނުގެ އަލްޢިމްރާން ސޫރަތުގެ 133 ވަނަ އާޔަތުގައި ﷲ ﷻ ވަޙީކުރައްވާފައިވެއެވެ.

﴿ وَسَارِعُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ ﴾

މާނައީ: ’އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، تقوى ވެރިންނަށެވެ.‘

ލޮބުވެތި އަޚުންނޭވެ! އެ ތަނަވަސް ސުވަރުގެ ތަކަށް ދިއުމަށް ހަމައެކަނި ރަމަޟާންމަހު އަޅުކަންކޮށްގެން ފަރުޖެއްސޭކަށްނެތެވެ. މަރު ތިބާއާއި ބައްދަލުކުރަންދެން އަޅުކަމުގައި ހީވަގި ވާންނެއެވެ. މާތް ﷲ އިންސާނާ ދުނިޔެއަށް ފޮނުވި ޙަޤީޤީ މަޤްޞަދު އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެއެވެ. މުލްކު ސޫރަތުގެ 2 ވަނަ އާޔަތުގައިވެއެވެ.

﴿ الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُ ﴾

މަނައީ: ’އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ عمل ރަނގަޅީ ކާކުތޯ امتحان ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.‘

އެހެންކަމުން އަބަދުވެސް ހެޔޮ ޢަމަލުކުރުންމަތީ ދެމިހުންނަންވާނެއެވެ. ޚައްސަކޮށް ސަވާބާއި ދަރުމައިގެ ގޮތުން މާތް ވެގެންވާ ދުވަސްތަކުގައި އެދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފަންވާނެއެވެ. މިގޮތުން، ރަމަޟާން މަހާއި ވިދިގެން އަންނަ ޝައްވާލުމަހުގައިވެސް ރަނުގެ ފުރުޞަތެއްވެއެވެ. އެމަހުގައި 6 ރޯދަ ހިފުމަށް ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ.

”‏من صام رمضان ثم أتبعه بست من شوال كان كصيام الدهر‏“‏ ‏‏‏(‏رواه مسلم‏)‏‏‏.‏

މާނައީ: ”ރަމަޟާންމަހު ރޯދަ ހިފުމަށްފަހު އެއާ ވިދިގެން ޝައްވާލުމަހުން ހަދުވަހު ރޯދަ ހިފި މީހާ މުޅި އަހަރު ރޯދަ ހިފިފަދައެވެ.“

”ރަމަޟާންމަހު ރޯދަ ހިފުމަށްފަހު އެއާ ވިދިގެން ޝައްވާލުމަހުން ހަދުވަހު ރޯދަ ހިފި މީހާ މުޅި އަހަރު ރޯދަ ހިފިފަދައެވެ.“ ޞަޙީޙް މުސްލިމް

ގެއްލިފައިވާ ރޯދަ ނުހިފައި ޝައްވާލުމަހުގެ ހަ ރޯދަ ހިފިދާނެތޯ؟

ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާއިރު އެންމެ ރަނގަޅުކަމަށް ފެންނަ ރައުޔުއަކީ ފުރަތަމަ ގެއްލިފައިވާ ރަމަޟާންމަހުގެ ރޯދަތައް ހަމަކުރުމަށްފަހު ޝައްވާލުމަހުގެ ހަ ރޯދަ ހިފުމެވެ.

އެހެނީ އިސްވެދިޔަ ޙަދީޘް ބަސްފުޅުގައިވަނީ ’ރަމަޟާންމަހު ރޯދަ ހިފުމަށްފަހު އެއާ ވިދިގެން…‘ އެފަދައިންނެވެ. އެހެންކަމުން ފުރަތަމަ ހަމަކުރަންވާނީ ގެއްލިފައިވާ ރަމަޟާން މަހުގެ ރޯދައެވެ. އެއަށްފަހު ޝައްވާލުމަހުގެ ހަ ރޯދައެވެ.

ފަހަރުގައި އަންހެންނަކު އޭނަ ގެއްލިފައިވާ ރޯދަތައް އަދި ޝައްވާލުމަހުގެ 6 ރޯދަ ހިފައި ނުނިމެނީސް ޒުލްޤައިދާ މަސް ފެށިއްޖެނަމަ ރޯދަ ހިފުން ކުރިއަށް ގެންދާނީއެވެ. އެހެނީ އޭނާއަށް މަޤްބޫލު ޢުޒުރެއް ދިމާވެފައެވެ. ނަމަވެސް ޝައްވާލުމަހުގައި ގަސްތުގައި ރޯދަ ނުހިފައި ހުރެގެން ނުވާނެއެވެ. (މަޖްމޫޢު ފަތުވާ 19/20)

ގެއްލިފައިވާ ރޯދަ ހިފުމަށް މުޅި އަހަރު ދެމިގެންވޭ ނޫންހެއްޔެވެ؟

ރަމަޟާންމަހު ގެއްލިފައިވާ ރޯދަ ހިފުމަށް މުޅި އަހަރު ދުވަސްވެއެވެ. އެއީ މާތް ﷲ ދެއްވާފައިވާ ލުއި ފަސޭހައެކެވެ.

ދަންނައެވެ. ޝައްވާލު މަހުގެ ހަ ރޯދަ ހިފުމުން ލިބޭ ސަވާބު އެދޭ މިހާއަށް އޮތީ އިސްވެދިޔަ ފަތުވާގައިވާ ގޮތަށް ޢަމަލުކުރުމެވެ.

ޝައްވާލުމަހުގެ ހަ ރޯދަ ހިފަންވާނީ ޖައްސަޖައްސައިގެންތޯ؟

އެބޭފުޅަކަށް ފަސޭހަގޮތަކަށް ހަ ރޯދަ ހަމަކުރެވިދާނެކަމަށް ޢިލްމުވެރިން ހުއްދަކުރައްވައެވެ. ވިދިވިދިގެން ހަ ދުވަހުވެސް ނުވަތަ މުޅި ޝައްވާލުމަހަށް ބަހާލައިގެންވެސް ހިފިދާނެއެވެ. ޙަދީޘްގައިވަނީ ޝައްވާލު މަހު ހަ ރޯދަ ހިފުމަށެވެ. ވަކި ދުވަހެއް ޚާއްސަކޮށްފައެއްނުވެއެވެ. الله أعلم

ނޯޓް: މިލިޔުމަކީ "އިލްމް" އިން ނަގާފައިވަނީ ލިޔުމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ