ކޮމީޑިއަން ބާރްތީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި

އިންޑިއާގެ މަޝްހޫރު އަންހެން ކޮމީޑިއަން ބާރްތީ ސިންގް މަސްތުވާތަކެތީގެ މައްސަލައެއްގައި މިއަދު ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ހައްޔަރުކޮށްފި އެވެ.

ބާރްތީގެ އިތުރުން އޭނާގެ ފިރިމީހާ ހާޝް ލިމްބާޗިއާވެސްވަނީ މިމައްސަލާގައި ޙައްޔަރުކޮށްފައެވެ. މީޑިއާ ރިޕޯރޓްތައް ބުނާ ގޮތުން އެދެމަފިރިން ދިރިއުޅޭ ގެއިން 86.5 ގްރާމުގެ ކެނެބިސްވަނީ އަތުލައިގެންފައެވެ. މީޑިއާތަކުން ބުނީ ބާރްތީ އާއި އޭނާގެ ފިރިމީހާ ޑްރަގް މައްސަލައެއްގައި މިއަދު ހައްޔަރުކުރީ އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ. އަދި މިމައްސަލާގައި އެންސީބީގެ އޮފިޝަލުން އެދެމަފިރިންނާއި ސުވާލުކޮށްފައިވާއިރު، ބާރްތީ ވަނީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އެއްބަސް ވެސް ވެފައިވާކަމަށްވެސް މީޑިއާ ރިޕޯރޓްތައް ބުނެއެވެ.

އާންމުންގެ ލޯބިލިބިފައިވާ ބާރްތީ އާއި އޭނާގެ ފިރިމީހާ ހާޝް އަކީ ސޮނީ ޓީވީން މިހާރު ގެނެސްދޭ "އިންޑިއާސް ބެސްޓް ޑާންސާ" ގެ ހޯސްޓުންނެވެ. އަދި ކުރިއަށް އޮތީ އެ ޝޯގެ ފިނާލޭކަންވެސް ފާހަގަކޮށްލެވެއެވެ.

ޖޫން މަހުގެ ތެރޭގައި އެކްޓަރު ސުޝާންތު ރާޖްޕޫތު ދަންޖެހިގެން މަރުވި ހާދިސާގެ ފަހުން މުނިފޫހިފިލުވުމުގެ އިންޑަސްޓްރީން ފެންމަތިވި ޑްރަގްގެ މައްސަލަތައް އެންސީބީން އަންނަނީ ވަރަށް ސީރިއަސްކޮށް ބަލަމުންނެވެ.

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން މިމައްސަލަ ބަލަން ފަށާފައިވަނީ މިދިޔަ މަހުން ފެށިގެންނެވެ. ރިޕޯރޓްތައް ބުނާގޮތުން އެންސީބީއިން މިމައްސަލަ ތަޙުޤީޤުކުރަން ފަށާފައިވާ މައިގަނޑު މަޤްޞަދަކީ އިންޑިއާގެ ޑްރަގު އިންޑަސްޓްރީއާއި ބޮލީވުޑާއި އެއްވެސް ގުޅުމެއް ވޭތޯ ބެލުމެވެ.

އެގޮތުން މުމްބާއީގެ ބެލާޑް އެސްޓޭޓުގައި ހުންނަ އެންސީބީގެ އެޖެންސީގެ ޒޯނަލް އޮފީހަށް ޙާޟިރުކޮށްފައިވާ ބޮލީވުޑްގެ މަޝްޙޫރު އަންހެންތަރިންގެ ތެރޭގައި ދީޕިކާ ޕަޑުކޯން އާއި ޝްރަދާ ކަޕޫރުގެ އިތުރުން ސާރާ ޢަލީ ޚާންވެސް ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ