މިއީ ޑިޖިޓަލް ދުނިޔޭގެ ޒަމާނެވެ. އަސްލެއް ނަކަލެއް ފާހަގަ ނުވާ ޒަމާނެވެ. އާބާދީގެ ބޮޑުބަޔެއް އަބަދުހެން ތިބެނީ އޮންލައިންގެ ދުނިޔޭގައި ކޮންމެސް ކަމަކަށް މައްޝޫލުވެފައެވެ. މައުލޫމާތު ފަތުރާ ލިބިގަތުމައް ދުނިޔެ މިއިން ދުވަހަކު ނުދެކޭހާ ފަސޭހަތައް މިއަދުވަނީ ތައާރަފް ކުރެވިފައެވެ.
ޒަމާން ކިތަންމެ ތަރައްގީވެ ކުރިއަރައި ދިޔަނަމަވެސް އިންސާނުން ކަމަށް ވީތީވެ ހިފަހައްޓަންޖެހޭ އިންތަކާ މިންތަކެއް ވާކަން އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ. މަޖަލެއް ކަމަށް ހަދައި މީހަކާ ސަމާސާ ކޮށްލުމަށް އެމީހެއްގެ ތަސްވީރު ބޭނުން ކޮށްގެން ތައްޔާރުކޮށްލެވޭ އެންމެ ޕޯސްޓަކީވެސް އެ ޕޯސްޓެއްގެ ސަބަބުން އެކަންކުރާ މީހާއަށް ނޭންގި އެތައް ބަޔަކަށް ހިތާމަޔާއި މާޔޫސްކަން ގެނުވާ ކަމަކަށް ވެދާނެއެވެ.
މިލިޔުމުގައި ވާހަކަ ދައްކާލުމަށް މަސައްކަތް ކުރަމުން މިދަނީ މިއަދު ދިވެހިރާއްޖޭގެ އިންޓަރނެޓް ގިނަ ޕުލެޓްފޯމްތަކެއްގައި ދައުރުވި ޕޯސްޓެއްގެ ވާހަކައެވެ. ޕޯސްޓުން ފެއްނަނީ ބަޔަކު މީހުން ނުހަނު މާތް މަގުސަދެއްގައި ކުރަމުންދާ މަސައްކަތެއް އަސްލަކަށް ބަލައި އެއަށް ބަދަލުތައް ގެނެސް ދިރިހުރި އިންސާނެއް މަރުވެފައިވާކަމަށް ބުނެ އެމީހާގެ ކަށުނަމާދުގައި ބައިވެރިވުމަށް އެދި ދައުވަތު ދީފައިވާ ތަނެވެ.

ޕޯސްޓުގައި ކަށުނަމާދު ކުރާ މިސްކިތާއި އަދި ކަށުނަމާދުކުރާ ވަގުތު ބަޔާން ކޮށްފައިވާއިރު މަރުވެފައިވާކަމަށް ބުނާ މީހާގެ މަންޒަރު ދައްކުވައިދޭ ފޮޓޯއެއްވެސް ޖަހައިފައި ވެއެވެ. މިއީ ކާކުކަން ރާއްޖޭގެ ގިނަ ބަޔަކަށް ނޭންގުނު ނަމަވެސް މިމީހެއްވެސް ތައްނާނެ އެތައް ބަޔަކު ހުއްނާނެކަމީ ޔަގީން ކަށަވަރު ކަމެކެވެ. މިކަން މި ޕޯސްޓައް ކޮއްފައިވާ ބަޔެއް ކޮމެންޓުތަކުންވެސް ހާމަވެގެން ދެއެވެ. ނޭންގި ނުވަތަ މަޖަލަކަށް ނަމަވެސް ބަޔަކަށް މި ޕޯސްޓުގެ ސަބަބުންވަނީ ހިތާމައާއި މޮޅިވެރިކަން ގެނުވާފައެވެ.
މިއީ މިފަދަ އެއް ހާދިސާގެ ވާހަކައެވެ. މިފަހަކަށް އައިސް މިފަދަ އެތައް ކަމެއް އިންޓަރނެޓުގެ އެކި ޕުލެޓްފޯމަތަކުގައި ބަޔެއް ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. ޚަބަރުފަތުރާ އެކިއެކި އޮންލައިން ނޫސްތަކުން ގެނެސްދޭ ޚަބަރުގެ ފޮޓޯ ނަގައި އެ އެޑިޓްކޮށްގެން ފެތުރުމުން ފެށިގެން ގޮސް މިއަދު މިވަނީ ދިރިތިބީން މަރުވެފައިވާކަމަށްވެސް ބުނަން ފަށައިފައެވެ. އަޅުގަނޑުމެއްނީ އިންސާނުންނަށް ވުމުގެ އިތުރުން މަތިވެރި އިސްލާމްދީނުގެ އަހުލުވެރިންނެވެ.
އަޅުގަނޑުމެންގެ ކޮންމެ އަމަލަކާއިމެދު ސުވާލު ކުރެވޭނެ ދުވަހެއް އައްނާނެކަން އަޅުގަނޑުމެން އެއްމެން ގަބޫލު ކުރަމެވެ. އެހެންކަމުން މިއަދު މަޖަލަކަށް ހަދާފައި ކޮއްލެވޭ ކުޑަ ކަމެއް ކަމަށް އަޅުގަނޑުމެއްނަށް ކުރެވޭ ކަމަކީ އަނެއް އިންސާނެއްގެ ހައްގަކަށް އަރައިގަތުމަށް ވެގެން ހިނގައިދާނެ ކަމަށް ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިވާން ޖެހެއެވެ. އެހެނީ ގިޔާމަތް ދުވަހުން الله سبحانه وتعالى އެކަލާންގެ އަޅުތަކުން ކޮއްފައިވާ ފާފަތަކުގެ ތެރެއިން އެކަލާންގެ އިރާދަކުރައްވާ ފާފަތައް ފުއްސަވައެވެ. ނަމަވެސް މީހެއްގެ ހައްގަކަށް އަރައިގަތުމުގެ ފާފަ އެމީހެއްގެ ފަރާތުން މާފު ނުލިބޭހާ ހިނދަކު ނުފުއްސަވައެވެ.




