ހުޅަނގު އޮސްޓްރޭލިއާގެ ކޭބަލް ބީޗު ނަމަކަށް ކިޔާ ގޮނޑުދަށުގައި މޫދަށް އެރިއުޅުނު މީހަކަށް މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން އެމީހާ މަރުވެއްޖެއެވެ.
އޮސްޓްރޭލިއާ ރައްޔިތުންގެ މެދުގައި މައްޝޫރު މި ގޮޑުދަށަށް މޫދަށް އެރުނު މީހާ އަށް މިޔަރު ހަމަލާދިނުމުން އެމީހާ އެ މިޔަރުގެ ކިބައިން ސަލާމަތްކޮށް މޫދުން ނަގައިފައި ވީނަމަވެސް ލިބުނު ގެއްލުމުގައި އެމީހާވަނީ މަރުވެފައެވެ.
ހުޅަނގު އޮސްޓްރޭލިއާގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހިތާމަވެރި ހާދިސާގައި ޒަހަމްވި މީހާ މަރުވެފައިވާ ކަމަށެވެ. މިހާދިސާއާއި ގުޅިގެން މި ގޮނޑުދަށްވަނީ މިހާރު އާމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައެވެ. މިއީ އޮސްޓްރޭލިއާއިން މިޔަރު ހަމަލާ ދިނުމުގެ ސަބަބުން މިއަހަރު މަރުވި އަށްވަނަ މީހާއެވެ.
މިއަދު މިހަމަލާ ދިން މިޔަރަކީ ކޮންބާވަތެއްގެ މިޔަރެއްކަން ހޯދިފައި ނުވާއިރު މިސަރަހައްދުގައި މިޔަރު ހަމަލާ ދިނުމަކީ އެހާާ އާންމު ކަމެއް ނޫންކަމަށް އޮސްޓްރޭލިއާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓު ކޮށްފައި ވެއެވެ.




