ޖަރުމަން ބުންޑެސްލީގާގެ މިސީޒަންގެ އެންމެ މޮޅު ކުޅުންތެރިއަކަށް ބްރޯސިއާ ޑޯޓުމުންޑަށް ކުޅެމުން އަންނަ މާކޯ ރޮއީސް ހޮވިއްޖެއެވެ.
ތާވަލުގެ އެއްވަނާގައި 174 ދުވަސް ހޭދަކުރުމަށްފަހު ޑޯޓުމުންޓް ސީޒަން ނިންމާލަން ޖެހުނީ ތާވަލުގެ ދެވަނަގައި އޮވެއެވެ. ޖުމްލަ 76 ޕޮއިންޓް ޑޯޓުމުންޑަށް ލިބުނުއިރު ބަޔާން މިއުނިކް ލީގު ކާމިޔާބުކުރީ 78 ޕޮއިންޓް ހޯދާފައިވެއެވެ.
އުމުރުން 30 އަހަރުގެ ރޮއީސް ޑޯޓުމުންޑާއި ގުޅުނީ 2012 ވަނަ އަހަރުއެވެ.
ރޮއީސް މިސީޒަންގައި ޑޯޓުމުންޑަށް 27 ބުންޑެސްލީގާ މެޗު ކުޅެދީފައިވާއިރު 17 ލަނޑުޖަހާ 11 އެސިސްޓް ހަދާދީފައިވެއެވެ.
މުޅި ސީޒަންގައި 3 ރީނދޫ ކާޑު ރޮއީސްއަށް ދެއްކިއިރު އެއް ރަތްކާޑޫވެސްވަނީ ދައްކާފައެވެ.

މީގެކުރިން (2013-14) ގައިވެސް ޑޯޓުމުންޑާއެކު މިއެވޯޑް ޙާސިލުކޮށްފައިވާ، ޑޯޓުމުންޑްގެ އެޓޭކިން މިޑްފީލްޑަރަކަށް ކުޅެމުން އަންނަ ރޮއީސް ޑޯޓުމުންޑާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2023 ގައެވެ.