މީހަކު އަނގަތެރެއަށް ފެން އެޅުމަށްފަހު އެފެންތައް ބުރުވާލުމަކީ މާ ހާއްސަކަމެއްގެ ގޮތުގައި އެކަކުވެސް ނުދެކޭނެއެވެ. ނުވަތަ އެއީ ހުނަރެއް ކަމުގައި ނުދެކޭނެއެވެ. ދެކޭނީ އެއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައެވެ. އަދި މީހަކު އެކަން ކުރަނިކޮށް ފެނިއްޖެނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދޭނެއެވެ. ނަމަވެސް މިހާކު މިވަނީ މިކަން ދުނިޔޭގެ ރެކޯޑު ފޮތައް އަރުވާފައޭ ބުނުމުން އެކަން ޤަބޫލުކުރާނީ ކިތައް މީހުން ހެއްޔެވެ؟
މިކަންތައް ދުނިޔޭގެ ރެކޯޑު ފޮތައް އަރުވާފައި މިވަނީ، އިތިއޯޕިއާގެ ކެޕިޓަލް ސިޓީ، އޭޑިސް އަބާބާގައި ދިރިއުޅޭ ކިރޫބްލް ޔިލްމާ ނަމަކަށް ކިޔާ މީހެކެވެ. ދުނިޔޭގެ ރެކޯޑު ފޮތުން މި މީހާ ޖާގަ ހޯދާފައި ވަނީ، އެންމެ ގިނަ އިރު ވަންދެން އަނގައި ފެން ސްޕްރޭކޮށްގެން ނުވަތަ ބުރުވި ރެކޯޑު ހަދައިގެންނެވެ.
ޔިލްމާ މި ރެކޯޑު ހަދާފައިވަނީ، 2016 ވަނަ އަހަރުއެވެ. ނަމަވެސް މި ޙަބަރު އަނެއްކާވެސް ވައިރަލް ވެފައިމިވަނީ، ޔިލްމާ މި ރެކޯޑު ހަދާވީޑިއޯއެއް ގިނިސް ވޯލްޑް ރެކޯޑުން އެމީހުންގެ ރަސްމީ އިންސްޓަގްރަމް އެކައުންޓުގައި މީގެ އެއް ދުވަސްކުރިން ހިއްސާކުރުމާ ގުޅިގެންނެވެ.
ގިނިސް ވޯލްޑް ރެކޯޑުން ހިއްސާކުރި މި ވީޑީއޯގެ ކެޕްޝަންގައި، ޔިލްމާ އަކީ އެންމެ ގިނައިރު އަނގައިން ފެން ބުރުވި މީހާގެ ރެކޯޑު އޮންނަ މީހާ ކަމަށް ލިޔެފައިވެއެވެ. އެގޮތުން އޭނާ މި ރެކޯޑު ހަދާފައިވަނީ، 56.56 ސިކުންތު އަނގައިން ފެން ބުރުވައިގެން ކަމަށް މި ޕޯސްޓުގައި ލިޔެފައިވެއެވެ.
އެގޮތުން، މި ވީޑިއޯއިން ފެނިގެންދަނީ ކުޑަ ފެން ފުޅިއެއްގެ ފެން އަނގަޔަށް އެޅުމަށްފަހު އަނގައިން ބޭރަށް ސްޕްރޭ ކުރާތަނެވެ.
މި ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން މިހާރު ލިބިފައިވާއިރު، ގިނަ ބަޔަކަށް މިއީ ދުނިޔޭގެ ރެކޯޑެއްކަން ޤަބޫލުކުރަންވެސް ދައްޗެވެ.




