ނޯތު ކޮރެއާގެ ލީޑަރު ކިމްގެ ފާޑުކިޔުމާއެކު އެގައުމުގައި ބޭއްވޭ އެންމެ ބޮޑު ޕްރޮޕަގެންޑާ ޝޯ "މާސް ގޭމްސް" ހުއްޓުމަކަށް އައިސްފިއެވެ.
އެތަކެއް ހާސް ބަޔެއްގެ ހުށަހެޅުންތައް ފެނިގެންދާ މި ޝޯ ހުއްޓުމަކަށް އައިސްފައިވަނީ، ޝޯގެ ފެށުމުގެ ރަސްމިއްޔާތައް ކިމް ވަޑައިގެން އެ ޝޯ ހުށަހެޅުމާއި މެދު ހިތްޕުޅު ހަމަޖެހި ވަޑައި ނުގެން ފާޑު ކިޔުއްވައިފައި ވަނިކޮށެވެ.
ނޯތު ކޮރެއާއަށް ފަތުރުވެރިން ގެންދާ ދެ ކުންފުންޏަކުންވެސްވަނީ ޝޯ ލަސްކުރެވުނުކަމަށް ޓުވީޓު ކޮށްފައެވެ.
Confirmed: #MassGames will be stopped from June 10th until further notice. #DPRK #NorthKorea #PeoplesCountry
— Young Pioneer Tours (@YPioneerTours) June 5, 2019
ނޯތު ކޮރެއާ އަކީ އެގައުމުގެ ތަސައްވަރު ރީތިކުރުމަށް ޕްރޮޕަކެންޑާ ކަންކަމަށް ވަރަށްބޮޑު ހާއްސަ ސަމާލުކަމެއްދޭ ގައުމެކެވެ. ނަމަވެސް ނޯތު ކޮރެއާގެ ލީޑަރު ކަމަށް ކިމް ހަވާލުވެ، ޖަޒުބާތުގަ ޖެހިވަޑައިގެން ނިންމާ ކުއްލި ނިންމެވުން ތަކުގެ ސަބަބުން ދުނިޔޭގެ ފާޑުކިޔުން އެބޭފުޅާއަށް ދަނީ ވަރަށް ބޮޑަށް ކުރިމަތި ވަމުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕާއި އެކު ބޭއްވުނު ބައްދަލުވުންތައް ނާކާމިޔާބު ވުމާއި ގުޅިގެން ކޮރެއާގެ ލީޑަރު ކިމް ހުންނެވީ އެކަމާއި ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައި ނުގަނެއެވެ. މި ބައްދަލުވުން އިންތިޒާަމް ކުރަން އުޅުއްވި އިސްބޭފުޅުންނަށް ހަރުކަށި ފިޔަވަޅު އެޅިކަމުގެ ރިޕޯޓުތައްވެސް ލިބިފައި ވެއެވެ.