ބޮލީވުޑްގެ މަޝްހޫރު ބަތަލް އަޖޭ ދޭވްގަން ލީޑްރޯލުން ފެނިގެންދާ ފިލްމު "މައިދާން" ގެ މަސައްކަތްތައް ކޮވިޑް 19 ގެ ސަބަބުން ހުއްޓިފައި އޮތުމަށްފަހު މިއަންނަ އަހަރުގެ ޖެނުއަރީ މަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެގޮތުން، ޕިންކްވިލާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، މައިދާން ގެ ޝޫޓިންތައް ފަށާނީ މިއަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތިންވަނަ ހަފްތާގައެވެ. "މައިދާން" ގެ މަސައްކަތްތައް ކުރުމަށް އެޅި ސެޓްވަނީ ކޮވިޑް 19 ގެ ސަބަބުން ޝޫޓިންތައް މެދުކަނޑާލުމުން ގިނަ ދުވަހު ބޭނުން ނުކޮށް ހުރުމުގެ ސަބަބުން ހަލާކުވެފައެވެ.
އެހެންކަމުން ޝޫޓިންތައް އަލުން ފެށުމަށް 16 އަކަމީޓަރުގެ ބިމެއްގެ އެ ސެޓް އަލުން އިމާރާތް ކުރުމުގެ މަސައްކަތް މިއަންނަ ޑިސެމްބަރު މަހު ފަށާނެއެވެ. ފިލްމުގެ ޝޫޓިންތައް ކުރިއަށް ގެންދިއުމަށް ފުރަތަމަ ސެޓެއް އިމާރާތް ކުރި މިއަަހަރުގެ ޖޫން ހިސާބުގައެވެ.
މަޝްހޫރު ޕްރޮޑިއުސަރ ބޮނީ ކަޕޫރު ޕްރޮޑިއުސް ކޮށްފައިވާ "މައިދާން" އަކީ ކުޅިވަރު ފިލްމެކެވެ. އެގޮތުން އެ ފިލްމުގައި އަޖޭ ފެނިގެންދާނީ ކުޅިވަރު ކުޅޭ މީހެއްގެ ރޯލުންނެވެ. އެ ފިލްމުގެ ލީޑްރޯލުތަކުން އަޖޭގެ އިތުރުން ޕްރިޔަމާނީ އަދި ގަޖްރާޖް ރާއޯ ފެނިގެންދާނެއެވެ.




