ކުރިނބީ ކައުންސިލް އިން އިންތިޒާމްކޮށްގެން މިއަހަރު ފިތުރުއީދުގެ މުނާޞަބަތުގައި ވޮލީ މުބާރާތެއް ފަށައިފިއެވެ.
އިއްޔެ ހަވީރުފެށި މި މުބާރާތުގައި ޖުމްލަ 4 ޓީމް ވާދަކުރާއިރު، މުބާރާތުގެ މެޗްތަށް ކުޅުމަށް ހަމަޖެހިފައިވަނީ ހަވީރު އަދި ރޭގަނޑުގެ ވަގުތުގައެވެ.

އިއްޔެ ކުޅެވުނު މުބާރާތުގެ ފުރަތަމަ މެޗް ކާމިޔާބުކުރީ ރޯޅި ޓީމެވެ. ރޯޅި މެޗް ކާމިޔާބުކޮށްފައިވަނީ ޓީމް ކަނބުލޮ އާއި ވާދަކޮށް ސީދާ 3 ސެޓުންނެވެ.
މުބާރާތުގެ އިތުރު މެޗެއް ރޭގައި ކުޅެފައިވާއިރު، މި މެޗް ކާމިޔާބުކޮށްފައިވަނީ ރާޅުވެސް ޓީމް އިންނެވެ. ރާޅުވެސް މެޗް ކާމިޔާބުކޮށްފައިވަނީ ޓީމް އެކްސްޓްރީމް އާއި ވާދަކޮށް 3 ސެޓް 1 ސެޓުންނެވެ.

މުބާރާތުގެ އިތުރު މެޗްތަށް މިއަދާއި މާދަމާވެސް ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 8 ވާ ހޮނިހިރު ދުވަހުގެ ހަވީރު އެވެ.

ހަތަރު ޓީމް ބައިވެރިވެފައިވާ މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ކުރިނބީ ޒުވާނުންގެ ހިތްތަކުގައި ކުޅިވަރުގެ ރޫހް އާލާކޮށް އިޖްތިމާއީގުޅުން ވަރުގަދަކުރުމާއެކު ފިތުރުއީދު ފާހަގަކުރުންކަމަށް ކުރިނބީ ކައުންސިލް އިން މަޢުލޫމާތުދެއެވެ.