ބޯހިޔާވަހިކަން ނެތި މާލޭގައި އުޅޭ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެނީ

މާލެ ސިޓީގައި ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް ވަގުތީ ބޯހިޔާ ވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށައިފިއެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ މި މަސައްކަތް ފެށިފައި ވަނީ މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމެއްނެތި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އަސާސީ ޙައްޤުތައް ކަށަވަރު ކޮށްދިނުމާއި އެފަރާތްތަކަށް ބޭނުންވާ އިޖުތިމާޢީ ރައްކާތެރިކަން ދިނުމުގެ މަޤުސަދުގައި ކަމާގުޅުންހުރި ދާއިރާތަކާއިއެކު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިންކަމަށެވެ.

އެގޮތުން އެ މިނިސްޓްރީން ވިދާޅުވެފައި ވަނީ މި މަޝްވަރާތަކުގެ ތެރެއިން މިފަދަ ފަރާތްތަކަށް ވަގުތީ ބޯހިޔާ ވަހިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް އަނެއްކާވެސް ފެށިފައިވާކަމަށެވެ.

މާލެ ސިޓީގައި ބޯހިޔާވަހިކަމެއްނެތި ދިރިއުޅެމުންދާ ފަރާތްތަކާއި ގުޅޭ މައްސަލަތައް ރިޕޯޓް ކުރުމަށް އެ މިނިސްޓްރީން ވަނީ ހޮޓްލައިން ނަންބަރެއްވެސް ޚާއްސަކޮށްފައެވެ. އެގޮތުން މި ކަމަށް ޚާއްސަ ކުރެވިފައިވަނީ އެ މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 1421 އެވެ.

ބޯހިޔާ ވަހި ކަމުގެ މައްސަލައަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑު މައްސަލައަކަށް ވާއިރު، މި މައްސަލައަށް ޙައްލު ހޯދުމުގެ ގޮތުން ތަފާތު އެކި މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.

މިދޭތެރެއިން ވަނީ މާލޭސިޓީގައި ބޯހިޔާވަހިކަމެއް، އަޅާލާނެ ބަޔަކު ނެތި މަގުމަތިވެފައިވާ ފަރާތްތަކުން ބައެއް މިސްކިތްތަކުގައި ފެންވަރައި، ނިދާ ކައިބޮއި ހަދާކަމުގެ މައްސަލައެއްވެސް ފެންމަތިވެފައެވެ. އެކަން ހައްލު ކުރުމުގެ ގޮތުން ހޯމް މިނިސްޓްރީން އިސްނަގައިގެން ވަނީ ކޮމެޓީއެއް އުފައްދަވައި މަސައްކަތްތައް ފެށާފައިވާކަމުގައި އޭރު ވިދާޅުވެފައެވެ.

މީގެ އިތުރުން އަމިއްލަ ބޯހިޔާވަހިކަމެއް ނެތް، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ޚާއްސަ މަޝްރޫއުތަކެއް އަންނަ އަހަރު ފަށާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ