ރައީސުލްޖުމްހޫރިއްޔާގެ އޮފީސް - ފޮޓޯ: ވީނިއުސް

ރައީސް އޮފީހުން 2019 ވަނަ އަހަރުގެ ޚަރަދުތައް ކޮށްފައިވަނީ ޤާނޫނާއި އެއްގޮތަށް: އޮޑިޓް ރިޕޯޓް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 2019 ވަނަ އަހަރު ޚަރަދުތައް ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އެގޮތުން އޮޑިޓު އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 31 ޑިސެންބަރު 2019 އަށް ނިމުނު މާލީ އަހަރުގެ ޚަރަދުތައް ކޮށްފައިވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފާސްކޮށްދެއްވި ބަޖެޓުގެ މަޤުޞަދުތައް ޙާޞިލްވާ ގޮތަށް، ބަޖެޓުގައި ކަނޑައެޅިފައިވާ ކަންތައްތަކަށް، ބަޖެޓުގައި ކަނޑައެޅިފައިވާ މިންވަރަށް، ޤާނޫނު ނަންބަރ: 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެހެނިހެން މާލީ ކަންކަން، މައިގަނޑު ގޮތެއްގައި، ހިންގާ ބަލަހައްޓާފައި ވަނީ ޤާނޫނު ނަންބަރ: 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްކަމަށްވެސް މިރިޕޯރޓްގައި ފާހަގަކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 2019 ވަނަ އަހަރުގެ މާލީ ބަޔާނުގައި ވާގޮތުން ރައްޔިތުންގެ މަޖިލީހުން 2019 ވަނަ އަހަރަށް އެއޮފީހަށް ފާސްކޮށްފައިވާ ބަޖެޓަކީ 121،008،141 ރުފިޔާއެވެ. އަދި ފައިނަލް ބަޖެޓްގެ ގޮތުގައި 2019 ވަނަ އަހަރު195،605،623 ރުފިޔާ ލިބިފައިވާއިރު، އެއަޚަރު ހިނގި ޚަރަދަކީ 184،936،224 ރުފިޔާއެވެ. އަދި ފައިނަލް ބަޖެޓާއި ހިނގި ޚަރަދުގެ ތަފާތަކީ 10،669،398 ރުފިޔާއެވެ.

އަދި 2019 ވަނަ އަހަރު ނީލަމުގައި ތަކެތި ވިއްކައިގެން އާމްދަނީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 24،968 ރުފިޔާ ލިބިފައިވާއިރު، މުސާރައާއި އެހެނިހެން އެލަވަންސްތައް ހިމެނޭގޮތަށް މުވައްޒަފުންގެ ޚަރަދުގެ ގޮތުގައި 110.126،608 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 2019 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯރޓް

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ