ގުޅީފަޅު

ބޯހިޔާވަހިކަން ނެތް މީހުންނަށް ގުޅީފަޅުން ވަގުތީ ބޯހިޔަވަހިކަން ދެނީ

މާލޭ ސިޓީގައި ދިރިއުޅެމުންދާ ބޯހިޔާވަހިކަން ނެތް ފަރާތްތަކަށް ކ. ގުޅީފަޅުގައި "ވަގުތީ ޝެލްޓަރ" އެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމުގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީ، ސޯޝަލް ސަރވިސަސް އިން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ވިދާޅުވެފައި ވަނީ ވަންނާނެ ބޯހިޔާވަހިކަމެއް ނެތި މާލޭ ސިޓީގައި ދިރިއުޅެމުންދާ ފަރާތްތަކުގެ ޙާލަތު ދެނެގަނެ އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއެކު ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ގުޅީފަޅުން އެމީހުންނަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން އިމާރޖެން ސޯޝަލް އިޝޫއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ވަންނާނެ ވަކި ބޯހިޔާވަހިކަމެއް ނެތި މާލެ ސިޓީގެ މަގުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް ފެށިފައިވާކަމުގައި އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އެމިނިސްޓްރީން ވިދާޅުވީ އެފަދަ ޙައްޞާޞް އިޖްތިމާޢީ މައްސަލައަށް ހައްލެއް ހޯދައި އެފަރާތްތަކަށް ބޭނުންވާ އިޖުތިމާއީ ޚިދުމަތްތަކާއި ވަގުތީ ރައްކާތެރިކަން ކަށަވަރުކޮށްދީ ބޭނުންވާ އަސާސީ ޙައްޤުތައް (ކާބޯތަކެއްޗާއި، އަންނައުނާއި، ބޯހިޔާވަހިކަން) ހޯދައިދީ އެފަރާތްތަކުގެ އިންސާނީ އަސާސީ ޙައްޤުތައް ކަށަވަރު ކުރުމުގެ މަސައްކަތް ފެށިފައިވާކަމަށެވެ. އެގޮތުން ޙާލަތު ވަޒަންކޮށް ގޮތް ނިންމުމުގެ މަރުހަލާގެ ކުރިން ބޭނުންވާ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކ. ގުޅީފަޅުގައި ގާއިމްކޮށްފައިވާ ހިޔާތަކުގައި "ވަގުތީ ޝެލްޓަރ" އެއް ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ޝެލްޓަރއަށް ގެންދެވޭ މީހުންގެ ޙާލަތު ވަޒަންކުރުމަށްފަހު އެސެސްމަންޓުން ފާހަގަކުރެވޭ ބޭނުންތަކަށް ރިޢާޔަތްކޮށް އެއިގެ ތެރެއިން ޑިޓޮކްސިފިކޭޝަން ފަރުވާއަށް ބޭނުންވާ ފަރާތްތަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ނެޝަނަލް ޑްރަގް އޭޖެންސީއިން ބަލަހައްޓަމުން ގެންދާ ޑިޓޮކްސް ކޭމްޕްގައި ބޭތިއްބޭނެ އިންތިޒާމްވެސް ހަމަޖެހިފައިވާކަމުގައި އެމިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން ކ.ގުޅީފަޅާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކުރެވިފައިވާ މަރުކަޒްތަކުން ވަގުތީ ބޯހިޔާވަހިކަމާއި އަސާސީ ޙައްޤުތައް ކަށަވަރުކުރުމާއި އެހެނިހެން އިޖްތިމާޢީ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު އެ މަރުކަޒުތަކަށް މީހުން ގެންދިއުމަށް ހަމަޖެހިފައިވަނީ އެމީހެއްގެ ރުހުމާއިއެކު އެފަރާތާއި އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމުގައިވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެ މިނިސްޓްރީން ވިދާޅުވީ މި މަރުކަޒުތަކަށް ގެންދެވޭ މީހުން އެތަނުގައި ހޭދަކުރާ މުއްދަތުގައި ބޭނުންވާ ފަރުވާގެ އިތުރުން ދާއިމީ ހިޔާވައްސެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްކުރުމާއެކު ހުރި ހުނަރުތައް ދެނެގަނެ ލައިފް ސްކިލްސް ތަމްރީން ޕްރޮގްރާމްތަށް ހިންގުމާއެކު ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރުމަށް ވަނީ ރޭވިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ