އެމެރިކާއިން ހަތިޔާރު ގަތުމަށް ޓައިވާނުން ނިންމައިފައިވާ ނިންމުމާ ގުޅިގެން ޗައިނާއިން ކަންބޮޑުވުން ފާޅުކޮށްފި

އެމެރިކާއިން ހަތިޔާރު ގަތުމަށް ޓައިވާނުން ނިންމައިފައިވާ ނިންމުމާއި ގުޅިގެން ޓައިވާނުގެ އަވަށްޓެރި ޗައިނާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ޗައިނާގެ ފޮރިން މިނިސްޓުރީން ބުނެފައިވަނީ ޓައިވާނަށް އެމެރިކާ ހަތިޔާރު ވިއްކުމާއިމެދު ޗައިނާއިން ކަންބޮޑުވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދެގައުމުގެ ދެމެދުގައިވާ ގުޅުން ހީނަރުވާނެ ކަމަށެވެ. ވުމާއެކު އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކުން ހުއްޓާލުން އެދޭ ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން ޓައިވާނުން ވަނީ ދެ ބިލިއަން ޑޮލަރުގެ ހަތިޔާރު އެމެރިކާއިން ގަތުމަށް ހުށަހަޅައިފައެވެ. މި ހަތިޔާރު ތަކުގެ ތެރޭގައި ހިމެނެނީ ޓޭންކާއި، އެންޓި އާރމަރ މިސައިލްސް އާއި، އެންޓި ޓޭންކް މިސައިލްސް އާއި، އަދި އެއަރ ޑިފެންސް ސިސްޓަމް ތަކެކެވެ.

ޓައިވާނުގެ ދިފާއީ ވުޒާރާއިންވަނީ އެމެރިކާއިން ހަތިޔާރު ގަތުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން ދީފައެވެ. ނަމަވެސް އެމެރިކާއިން އަދި މިކަމާއި ގުޅިގެން ވަކި ގޮތެއް ނިންމައިފައެއް ނުވެއެވެ.

ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ ޗައިނާގެ ސަރަހައްދެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ