މާ ބޮޑަށް ފަލަވުމުން ބަރުދަން ލުއިކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ޖައްސާ ޑައިޓަކީ އެ މަސައްކަތަށް ވަރަށް މުހިއްމު އެއްޗެކެވެ. އަދި މިހާރަކަށް އައިސް ވަރަށް ގިނައިން ތަފާތު ވަށްތަރުގެ ޑައިޓްތައް ޖައްސާތަން ފެނެއެވެ. ނަމަވެސް ގިނަ މީހުންނަށް އެޑައިޓުގެ ނަތީޖާ ފެންނަނީ ވަރަށް މަދުފަހަރަކުއެވެ. މިހެން މިކަން ދިމާވާ ސަބަބަކީ، އެންމެ ސިއްހަތަށް ފައިދާވާނެ ގޮތަށް އެކަން ނުކުރެވޭތީއެވެ.
އެހެންކަމުން ނިއުޓްރިޝަނުން ފުރިގެންވާ އަދި ސަރުބީ ވިރުވައި ދިނުމުގައި އެހީވެދޭ މޭވާ ކެއުމަކީ ވަރަށް އިސްކަންދިނިން މުހިއްމު ކަމެކެވެ. އެގޮތުން މި ހިމަނާލަނީ، ބަރުދަން ލުއިކުރުމަށް ދެ ގުނައަށް އެހީވެދޭނެ ފިނިމޫސުމުގެ މޭވާ ތަކުގެ ތެރެއިން ހަތަރު ބާވަތެއްގެ މޭވާއެވެ.
އޮރެންޖް

އޮރެންޖަކީ ކެލޮރީސް މަދު ވިޓަމިން ސީ އެކުލެވިގެންވާ ހަށިގަނޑަށް ފައިދާ ހުރި މޭވާއެކެވެ. އަދި ހަލާކުވެފައިވާ ޓިޝޫތައް ހަލުވި މިނުގައި ފަސޭހަ ކޮށްދޭ މޭވާއެއްގެ އިތުރުން، އޮރެންޖަކީ ބަރުދަން ލުއިކޮށްދިނުމަށް ވަރަށް ބޮޑަށް އެހީވެދޭ މޭވާއެކެވެ. އެހެންކަމުން ކެލޮރީސް މަދު، ފައިބާ، ޕޮޓޭސިއަމާއި އަދި މިނަރަލްސް ގިނަ އަދަދަކަށް ހިމެނޭ މި މޭވާ އަކީ ބަރުދަން ލުއިކޮށްލުމަށް ހަމައެއްވަނައެވެ.
އެގޮތުން، އޮރެންޖުގައި ހިމެނޭ ފައިބާގެ ސަބަބުން ބޮޑު ކަމުދިއުމަށް ފަސޭހަކޮށްދޭއިރު، ގިނަ އިރު ބަނޑުހައިނުވެ ހުރުމަށްވެސް އެހީވެދެއެވެ.
ފޭރު

ފޭރަކީ ޕްރޮޓީންސް އާއި ވިޓަމިންސްގެ އިތުރުން ފައިބާއިން މުއްސަނދިވެފައިވާ މޭވާއެކެވެ. އެހެންކަމުން ފޭރުކެއުމުން އަވަހަށް ބަނޑުހައިކަން ފިލުވައިދިނުމަށް އެހީވެދެއެވެ. އަދި ފޭރަކީ، އޮރެންޖާއި އާފަލުގައި ހުންނަ ހަކުރުގެ މިންވަރާއި ބަލާއިރު، ހަކުރު އެކުލެވޭ މިންވަރު ދަށް މޭވާއެކެވެ. އެހެންކަމުން ބަރުދަން ލުއިކުރުމަށް ފޭރަކީ ވަރަށް ބޮޑަށް އެހީވެދޭނެ މޭވާއެކެވެ.
އަންނާރު

އަންނާރަކީ އެންޓިއޮކްސިޑަންޓްސް ވަރަށް ގިނައިން އެކުލެވޭ މޭވައެއްގެ އިތުރުން، ނުއިޓްރިއަންސް، އާއި ފައިބާ އިން މުއްސަނދިވެފައިވާ، ކެލޮރީސް މަދު މޭވާ އެކެވެ. އަދި ބަރުދަން ލުއިކުރުމަށް ވަރަށް ބޮޑަށް އެހީވެދޭ މޭވާއެކެވެ.
މޭބިސްކަދުރު

ދިރާސާތަކުން ދައްކާގޮތުގައި، ރަތް މޭބިސްކަދުރުގައި އެކުލެވޭ "އެލީޖިއެކް" އެސިޑް އަކީ ހަށިގަނޑުގައި ހުންނަ ފެޓް ސެލްސްތައް ހެދިބޮޑުވާ ދުވެލި މަޑު ކޮށްދޭ ބާވަތެކެވެ. އެހެންކަމުން މޭބިސްކަސްދުރުވެސް ބަރުދަން ލުއިކޮށްލުމަށް އެހީވެދެއެވެ.
މި މޭވާތަކުގެ އިތުރުންވެސް، ބަރުދަން ލުއިކުރުމަށް އެހީވެދޭނެ އެތައް މޭވާތަކެއް ހިމެނޭނެއެވެ. އަދި އެދެވޭ ގޮތެއްގައި ބަރުދަން ލުއިކޮށް، ދެމެހެއްޓުމަށްޓަކައި މިފަދަ މޭވާތައް ކެއުން އާދަކުރާށެވެ.



