ކުޑަރިކިލުގައި ހުންނަ އާސާރީ މިސްކިތް، "ބާމިސްކިތް" އެރަށު ޒުވާނުން ނުކުމެ ސާފުކޮށްފިއެވެ.
މިމަސައްކަތްކޮށްފައިވަނީ ހިއްޗާ ބޮޑުބެރު ގްރޫޕް ނަމަކަށްކިޔާ އެރަށު ބޮޑުބެރު ގްރޫޕަކާއި ޓްސް ކަލްޗާ އެންޑް ހެރިޓޭޖާ މިނިސްޓްރީގެ އިތުރުން އެރަށު ކައުންސިލާއިވެސް ގުޅިގެންގެންނެވެ.
އެތަން ރީތިކުރުމުގެ މަސައްކަތް ހިއްޗާ ބޮޑުބެރު ގްރޫޕް އިސްނަގައިގެން މިއަދު ފަށާފައިވާއިރު އެތަނަކީ މުޅި ރާއްޖޭގައިވެސް ނުފެންނަފަދަ އާކިޓެކްޗާ މަސައްކަތްތަކެއް ހުރި ތަނެއްކަމަށް އެގްރޫޕުންވަނީ ބުނެފައެވެ.
އެތަނަށް އަޅާނުލައި ގިނަދުވަސްތަކެއްވެ، މުޅި ތަން ވަރަށް ބޮޑަށް ހަޑިވެފައިވާއިރު، އެތަން މިހާރަށްވުރެ ބޮޑަށް ބަލަހައްޓައި މިނިސްޓްރީގެ އެއްބާރުލުމާއެކު އެމިސްކިތް އަލުން ބިނާ ކުރުމަކީ ޒުވާނުންގެ އުންމީދެއް ކަމަށްވެސް އެގްރޫޕުންވަނީ ބުނެފައެވެ.
ކުޑަރިކިލު ބާކިސްކިތަކީ ފަންނުވެރިކަން ދައްކުވައިދޭ އެންމެ ފާހަގަކޮށްލެވޭ އެއްޗެކީ އެމިސްކިތުގެ ފާރުގައި ހަދާފައިވާ ސަމުގާއެއް ރަމްޒްކޮށްދޭ ދެ ކުޑަ ދޮރެވެ. ފާރުތެރެއިން ކަނޑާ ނަގައި ކުކުޅު ބިހެއްގެ ބައްޓަމަށް ފަރުމާކޮށްފައިވާ އެ ދެ ދޮރު ވެސް ހުންނަނީ އަނބުރާ ލެވޭ ގޮތަށެވެ.
އެމިސްކިތަށް އަޅާނުލައި ހުރުމުން ވަރަށް ބޮޑަށް ވަނީ ވީރާނާވެފައެވެ. ފުރާޅުވެސް އެއްކޮށްހެންވަނީ ހަލާކުވެފައެވެ. އެމިސްކިތުގައި ނަމާދުކުރުން ހުއްޓާލާފައިވަނީ 1989 ވަނަ އަހަރުކަމަށްވެއެވެ.

ކުޑަރިކިލުގެ ބާމިސްކިތަކީ އެރަށުގެ ކުޅަދާނަ ފަންނުވެރިއެއްކަމަށްވާ މުހައްމަދު އަލި މަނިކު (ނައިބު ކަލޭފާނު) ގެ ޑިޒައިނަކަށް ފަރުމާކުރެވިފައިވާ މިސްކިތެކެވެ. އަދި މިމިސްކިތް އިމާރާތް ކުރެއްވީ ވެސް ނައިބުކަލޭފާނުކަމަށްވާއިރު އެއީ އެރަށް ދުށް ގަލާއި އުވައިގެ ވަޑާމަށް އެންމެ ކުޅަދާނަ ބޭފުޅާއެވެ.
ޒުވާނުންނަށް ނަމޫނާއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އެރަށު ހިއްޗާ ބޮޑުބެރު ގްރޫޕް ކޮންމެ އަހަރެއްގެވެސް ކުޑަ ޢީދު ފާހަގަކުރަނީ އެރަށުގައި ތިބޭ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއެކުގައެވެ. މިކުޑަޢީދުވެސް ހަމައެފަދައިން އެގްރޫޕުން ފާހަގަކުރިއިރު ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ކްލާހަށް 10،000 ރުފިޔާގެ ތަކެތި ހަދިޔާކުރަންވެސް އެގްރޫޕުންވަނީ ނިންމާފައެވެ.