އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަނުގެ ބަޔޯއެންޓެކް ކުންފުނި ގުޅިގެން ކޮވިޑް-19 އަށް ތައްޔާރުކުރި ވެކްސިން ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިވިލާތައް ލިބިފައިވާއިރު، ވެކްސިން ދޭ ފުރަތަމަ މީހުންގެ ތެރޭގައި އިނގިރޭސި ޝާހީ އާއިލާގެ ކުއީން އެލިޒެބަތާއި، އެކަމަނާގެ ފިރިކަލުން ޕްރިންސް ފިލްޕްސް ހިމެނޭކަމަށް ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ކޮވިޑް-19 އާއި ދެކޮޅަށް އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން އެންމެ ކާމިޔާބު ނަތީޖާއެއް މިހާތަނަށް ނެރެފައިވާ ފައިޒާ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އެންމެ ފުރަތަމަ ލިބުނު ޤައުމަކީ އިނގިރޭސިވިލާތެވެ.
މީޑިއާގައި ރިޕޯޓުކޮށްފައިވާގޮތުން، ކުއީން އެލިޒެބަތާއި އަދި ޕްރިންސް ފިލިޕްސްއަށް މި ވެކްސިން ބޭނުންކުރުމުގެ ފުރުސަތު ލިބިފައިވަނީ، ޑޮކްޓަރުންގެ ލަފައާއެކުއެވެ. އަދި މި ވެކްސިން ކުއީން އެލިޒެބަތަށާއި ޕްރިންސް ފިލިޕްސްއަށް ހަފްތާއެއްގެ ތެރޭގައި ލިބިގެންދާނެކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ކުއީން އެލިޒެބެތްގެ އުމުރަކީ 94 އަހަރެވެ. އަދި ޕްރިންސް ފިލިޕްސް ގެ އުމުރަކީ 99 އަހަރެވެ.
ޝާޙީ އާއިލާގެ ތެރެއިންވެސް ކޮވިޑް-19 ފެނިފައިވާއިރު، ކުއީން އެލިޒެބަތްގެ ދަރިކަލުން ޕްރިންސް ޗާލްސް އަށް މާޗް މަހުގެ ތެރޭގައި ކޮވިޑް ޖެހިގެން ފަރުވާ ހޯއްދަވަން ޖެހިވަޑައިގަނެފައިވެއެވެ. އަދި ޗާލްސްގެ ދަރިކަލުން ޕްރިންސް ވިލިއަމްވެސް އޭގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށާއި އަދި އެކަން ސިއްރުކުރިކަމަށް ބުނެ މީޑިއާގައި ޙަބަރު ފެތުރިފައިވެއެވެ.



