ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މެންބަރުކަމަށް ކުރިމަތި ލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން މިއަދު ކޮށްފައިވާ އިޢުނާނުގައި ވިދާޅުވެފައި ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ހުސްވެފައިވާ ޤާނޫނީ ދާއިރާގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން ހުޅުވާލައިފައިވާކަމަށެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މި ހިނގާ ޑިސެންބަރު މަހުގެ 16 އަދި 17 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި، މި މާއްދާގެ (ނ) ގައި، ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރާ މީހުންގެ ކިބައިގައި، ތިރީގައިވާ ސިފަތައް ހުންނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
56 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރު:
ދިވެހިރާއްޖޭގައި ޤާނޫނީ ދާއިރާގައި މަސައްކަތްކޮށް މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ނުވަތަ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލުކޮށްފައިވާ މީހަކު ކަމުގައިވުން.
56 ވަނަ މާއްދާގެ (ނ):
1. މުސްލިމަކު ކަމުގައިވުން؛
2. ދިވެހި ރައްޔިތަކު ކަމުގައިވުން؛
3. ބުއްދި ސަލާމަތުންހުރުން؛
4. ޢުމުރުން 18 އަހަރު ފުރިފައިވުން؛
5. މާލީ، ޓެކްސް، ވިޔަފާރި، އާއި އިޤްތިޞާދު ނުވަތު ޤާނޫނީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަދި ޓެކްސްއާ ގުޅުންހުރި ސިޔާސަތުތަކާބެހޭ ބަހުސްތަކާއި ނިންމުންތަކުގައި ފަންނީ ގޮތުން ބައިވެރިވެވޭ ވަރުގެ ޤާބިލު ފަރާތެއްކަމުގައިވުން؛
6. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛
7. އިފްލާސް ކުރެވިފައިވާ މީހަކުކަމުގައި ނުވުން؛
8. ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން؛
9. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން؛
10. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ނުވަތަ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކުކަމުގައި ނުވުން؛
11. ސިޔާސީ މަޤާމެއްގައި ހުރި މީހެއްކަމުގައި ނުވުން؛
12. އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުން؛
13. ސިވިލް ސަރވިސް މުވައްޒަފެއް ކަމުގައި ނުވުން؛
14. މިނިވަން މުސްތަޤިއްލު މުވައްސަސާއެއްގެ މުވައްޒަފެއްކަމުގައި ނުވުން



