ވެރިންނަކީ ރައްޔިތުންގެ ހާދިމުންނެވެ. ރައްޔިތުން އެބައިމީހުންގެ ވެރިންނަށް ފަރާތްތައް ކަނޑައަޅަނީ އެ ރައްޔިތުންނަށް އިހުލާސްތެރި ކަމާއެކު ހިދުމަތްކުރުމުގެ ބޭނުމުގައެވެ. ނަމަވެސް ވަރަށް ގިނަފަހަރަށް ކަންތައް ހިނގާ މަގަކީ ވެރިކަމަށް ރައްޔިތުން އިސްކުރާ ފަރާތްތައް މި ހަގީގަތް ހަނދާން ނެތުމެވެ. ތިމާމެންނީ ރައްޔިތުންގެ ހާދިމުންކަން ހަނދާންނެތި ބޮޑާވެ ކިބުރުވެރި ވެވޭތަން ވަރަށް ގިނަފަހަރަށް ވެރިންގެ ކިބައިން ފެނެއެވެ.
މިއަދު ހުކުރު ނަމާދުން އައިސް މީސްމީޑިއާގެ އެޕްލިކޭޝަންތައް ހުޅުވާލާ ބަލާލުމުން ފެނިގެންދިއައީ ދިވެހި ކޮންމެ ރައްޔިތެއްގެ މޫނުމަތިން އުފާވެރިކަން ގެނުވާނެ ހިތްހަމަ ޖެހޭފަދަ މަންޒަރެކެވެ. އާދެ، މިގައުމުގެ ވަލިއްޔުލް އަމުރުގެ ނައިބު ފައިސަލް ނަސީމް ބޭނުން ޖެހިފައިވާ ރައްޔިތަކަށް އެހީތެރިވެ ވަޑައިގަންނަވާ މަންޒަރެވެ. މިއީ މިއިން ޒަމާނެއްގައި ދިވެހި ގައުމުގެ ވެރިކަމުގެ އިސްވެރިއަކު ކަންކުރައްވާތަން ފެނުނު ގޮތެއް ނޫނެވެ.
މީސްމީޑިއާގައި ދައުރުވާ ޕޯސްޓުގައި ލިޔެފައިވާ ގޮތުން، މިއަދު ޒިޔާރަތް މިސްކިތުގައި ހުކުރު ނަމާދަށް ހުއްޓައި އަނބުރައި ގަނެގެން ވެއްޓުނު އާންމު ރައްޔިތަކަށް ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އެހީތެރިވެ ވަޑައިގެންފައެވެ. ފޮޓޯ ތަކުން ފެންނަ ގޮތުގައި މި އާންމު މީހާވަނީ ފައިސަލް ނަސީމްގެ ސެކިއުރިޓީ ކާރަށް އަރުވައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ފައިސަލް ނަސީމް އަކީ ނައިބު ރައީސް އަކަށް ވުމުގެ ކުރިންވެސް ހިލޭ އެހީދޭ ޖަމުއިއްޔާތައް ހަދައި އެ ޖަމުއިއްޔާތަކުން ގިނަ އަދަދެއްގެ ބޭނުން ޖެހިފައިވާ ފަރާތްތަކުގެ ބޭނުންތައް ފުއްދައި ދިނުމުގައި މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ.
ފައިސަލް ނަސީމްގެ ފަރާތުން މި ފެނުނު އެހީތެރިވުމާއި އަޅާލުމުގެ ރީތި ނަމޫނާއިން އިބުރަތް ލިބިގަނެ އެހެނިހެންވެސް އިންތިހާބީ މަގާމު ތަކުގައި ތިއްބެވި އިސްވެރިން ތިމަންނަމެނަކީ ރައްޔިތުން އައްޔަންކޮށްފައިވާ ރައްޔިތުންގެ ހާދިމުންކަން ހަނދާންކޮށް އަމަލުތައް ބައްޓަންކުރަން ޖެހެއެވެ.




ހިޔާލު
Anni veri kamuga rasmee launch ves dhevvi balimeehaku male fonuvan