ބޮލީވުޑްގެ ވަރަށް ކާމިޔާބު ދެ ފަންނާނުން ކަމަށްވާ ޝްރަދާ ކަޕޫރު އާއި ރަންބީރު ކަޕޫރު އެކީގައި ފިލްމަކުން ފުރަތަމަ ފަހަރަށް ފެންނަން އުޅޭ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތަކުގައި ބުނެފިއެވެ.
އެގޮތުން އެދެތަރިން އެކީގައި ފުރަތަމަ ފަހަރަށް ފެނިގެންދާ ފިލްމު ޑައިރެކްޓްކޮށްފައިވަނީ، ލަވް ރަންޖަންއެވެ. ލަވް އަކީ 2018 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެ ޑައިރެކްޓަރެވެ.
އަދި މިހާތަނަށް ނަން ހާމަކޮށްފައިނުވާ، އެ ރޮމޭންޓިކް ކޮމެޑީ ފިލްމު ކުޅުމަށް ޝްރަދާ އަދި ރަންބީރު ވަނީ ސޮއިވެސް ކޮށްފައެވެ. އެދެތަރިން ފުރަތަމަ ފަހަރަށް އެކީގައި ފެނިގެންދާ އެ ފިލްމުގެ ޝޫޓިންތައް އަންނަ އަހަރުގެ ޖެނުއަރީ މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އެ ފިލްމުގެ ޝޫޓިންތައް ގާޒިއާބާދުގައި އާއި ނިއު ދިއްލީގެ އިތުރުން އިންޑިއާ އިން ބޭރުގައި ވެސް ނެގުމަށް ވަނީ ހަމަޖެހިފައެވެ. ޝްރަދާ އަދި ރަންބީރުގެ އިތުރުން އެ ފިލްމުގެ މުހިންމު ރޯލަކުން މަޝްހޫރު ބަތަލާ ޑިމްޕަލް ކަޕާޑިއާ ވެސް ފެނިގެންދާނެއެވެ.



