ދުނިޔޭގެ އެންމެ މުއްސަނދި މީހާ އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސްގެ ކުރީގެ އަންހެނުން މާކެންޒީ ސްކޮޓް ހަތަރު މަސްދުވަހުގެ ތެރޭގައި އެހީގެ ގޮތުގައި 4.2 ބިލިއަން ޑޮލަރު ހޭދަކޮށްފިއެވެ.
ބުލޮގް ޕޯސްޓެއްގައި ސްކޮޓް ބުނެފައިވަނީ މިފައިސާ ހޭދަކޮށްފައިވަނީ ފުޑް ބޭންކްސް ތަކަށާއި އަދި އެމަރޖެންސީ ރިލީފް ފަންޑުތަކަށް ކަމަށެވެ. ބޭނުމަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އެމެރިކާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ސްކޮޓް އަކީ މުޅި ދުނިޔެއިން 18 ވަނައަށް އެންމެ މުއްސަނދި މީހާއެވެ. ސްކޮޓްގެ މިލްކިއްޔާތު މިއަހަރުތެރޭވަނީ 23.6 ބިލިއަން ޑޮލަރުން 60.7 ބިލިއަން ޑޮލަރަށް އިތުރުވެގެން ގޮސްފައެވެ. ސްކޮޓްގެ މިލްކިއްޔާތު މިހާބޮޑުތަނުން މިއަހަރުތެރޭ އިތުރުވެފައިވަނީ ޖެފް ބެޒޯސް ކައިރިން ވަރި ވުމައްފަހު ވަރީގެ ހިސާބުހަމަޖެއްސުމުގެ ގޮތުން އެމެޒޯންގެ ހަތަރު ބައި ކުޅަ އެއްބައި ލިބުމާއި ގުޅިގެންނެވެ.
ސްކޮޓްއަށް ލިބިފައިވާ މުދަލުން މިދިޔަ ޖުލައި މަހުވެސް ވަނީ 1.7 ބިލިއަން ޑޮލަރާއި ގާތްކުރާ އަދަދެއް 116 އޯގަނައިޒޭޝަން އަކަށް ހަދިޔާކޮއްފައެވެ.
ސްކޮޓް އަކީ އަބަދުވެސް ހަދިޔާ ކުރުމަށް މުއްސަނދިންނަށް ބާރު އަޅާ ކަނބަލެކެވެ. އެގޮތުން މިފާއިތުވި އަހަރުގައިވެސް އެކަމަށް ބާރު އަޅުވާ ބައެއް މުއްސަނދިންލައްވާ އެކަމަށް އެއްބަސް ކުރުވާ ސޮއި ކުރައްވާފައިވެއެވެ.



