ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް އެކީގައި ފެނިގެންދާ ފިލްމު، "ޖުގްޖުގް ޖިޔޯ " ގެ ޝޫޓިންތައް އަނެއްކާ އަލުން ފެށުމަށް ފިލްމުގެ ޓީމުން ތައްޔާރުވާން ފަށައިފިއެވެ.
އެގޮތުން "ޖުގްޖުގް ޖިޔޯ" ޝޫޓިންތައް ޗަންދީގަރުގައި ކުރިއަށް ދަނިކޮށް، ފިލްމުގެ ގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ނީތޫ ކަޕޫރު އާއި ވަރުން ދަވަން އާއި އަދި ފިލްމުގެ ޑައިރެކްޓާ ރާޖް މެހެތާ ނުރައްކާތެރި ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ޝޫޓިންތައް ވަނީ ވަގުތުން މެދުކަނޑާލައިފައެވެ.
އެހެންނަމަވެސް މިހާރު އެ ތިން މީހުން ވެސް ކޮވިޑަށް ނެގެޓިވްވުމާއި ގުޅިގެން، މިމަހުގެ 19 ގައި ޝޫޓިންތައް އަލުން ޗަންދީގަރުގައި ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ.
ވަރުން އަދި ނީތޫގެ އިތުރުން "ޖުގްޖުގް ޖިޔޯ" ގެ މުހިންމު ރޯލުތަކުން މަޝްހޫރު ބަތަލާ ކިއަރާ އަދްވާނީ އަދި މަޝްހޫރު ބަތަލު އަނިލް ކަޕޫރު ވެސް ފެނިގެންދާނެއެވެ.



