ރާއްޖޭގަ ތިބި ބަންގްލަދޭޝް މަސައްކަތްތެރިންގެ ރައްކާތެރިކަމަށް ޓަކައި މަސައްކަތް ކުރާނަން: ޝާހިދު

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުން މަސައްކަތްކުރަމުންދާނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބަންގްލަދޭޝްގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް މާލޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަންގައި ބޭއްވި ރަސްމިއްޔާތަކަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައެވެ.

މިނިސްޓަރ ޝާހިދު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން އެކި ދާއިރާތަކުގައި މަސައްކަތްކުރަމުންދާއިރު، އެފަރާތްތަކުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީގައި ވަރަށް ބޮޑު ހިއްސާއެއްވާ ކަމަށެވެ. މީގެއިތުރުން، ރާއްޖެއާއި ބަންގްލަދޭޝްއާއި ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ރާއްޖޭގައި އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި، ސިއްހީ، ދިފާޢީ އަދި ތައުލީމީ ދާއިރާއަށް ބަންގްލަދޭޝްއިން ވަމުންދާ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި، ކޮވިޑް-19ގެ މި ދަތި ދަނޑިވަޅުގައި ބަންގްލަދޭޝްއިން ރާއްޖެއަށް ވެފައިވާ އެހީތެރިކަމަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ ބޭހާ ކާބޯތަކެތި ފޯރުކޮށްދިނުމާއި، ބަންގްލަދޭޝްގެ ސިފައިންގެ މެޑިކަލް ޓީމެއް ރާއްޖެއަށް ފޮނުވައިދިނުމާއި، ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ދަރިވަރުން އަނބުރާ ރާއްޖެ ގެނެސްދިނުން ފަދަ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ