އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރައްވާނީ ހިންދީ ބަހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވިދާޅުވެއްޖެއެވެ.
މޯދީ ތަގުރީރު ކުރައްވަން ބާއްވާ ޖަލްސާ އޮންނާނީ، މިރޭ އިރުއޮއްސި 18:45 ގައެވެ.
ރައްޔިތުން މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މޯދީގެ ތަގުރީރު ކުރައްވާނީ ހިންދީ ބަހުން ކަމަށާއި މޯދީ ތަގުރީރު ދެއްވަމުން ގެންދަވާއިރު، މަޖިލީހުގެ މެންބަރުންނަށް ވަގުތުން ދިވެހި ތަރުޖަމާ އަޑުއިވޭޭނެ އިންތިޒާމު މަޖިލީހުގެ އިދާރާއިން ހަމަޖައްސަވާނެ ކަމަށެވެ.
މޯދީ މިއަދު ހަވީރު ރާއްޖެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލު ކުރައްވާނެއެވެ.
ދިވެހި ދައުލަތުން ބޭރުގެ އިއްޒަތްތެރިންނަށް އަރުވާ އެންމެ މަތީ ޝަރަފު ކަމަށްވާ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު އިންޑީޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް އެރުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވައިފަ އެވެ.