މަންމައަކު އޭނާގެ ރައްޓެއްސަކާ ވާހަކަ ދައްކަމުން ބުނީ:- "ދަރިފުޅަށް ރަނގަޅު އެކުވެރިއެއް މިހޯދަނީ… ކުޑަ އިރުންސުރެ އެސޮރުގެ އެހުންނަ ގޮތްގަނޑު އެނގޭނު ލީޒާއަށްވެސް. މިހާރު އަދި އެކަންމާބޮޑު. އޭނައާއެކު ބޭރަށް ނިކުތަސް މަ ހުންނަނީ ލަދުން ބޯފަޅައިގެން ދާވަރުވެފަ. މީހުންނާ ވާހަކަ ދައްކަނީވެސް އެހާ ހަޑިކޮށް. އަބަދުވެސް ކޮންމެވެސް ކާޓޫނެއްގަ ލައްވާ އަޑެއް ލައްވާލަ ލައްވާލަ ހުންނާނީ. މިހެން ދައްކަންޏާ މިރޭ ހުސްވިޔަސް ވާހަކަ ހުސްނުވާނެ. ދެން ދަނީ" އޭނާގެ ރަހުމަތް ތެރިޔާއަށްވެސް ބުނެވުނީ އިއްތިފާޤުގެ އިބާރާތެކެވެ. "އާއެކޭ، މަގޭދަރިވެސް ހަމަ ތިފަދަ ޙާލެއްގައި، ކިހިނެތްތަ ރަނގަޅު އެކުވެރިއެއް ހޯދާނީ؟… މީހުންބުނޭ ރަނގަޅު އެކުވެރިންނާ ޖެހުނީމަ ރަނގަޅުވާނޭ"
މީ މިއަދު މިރާއްޖޭގެ ވަރަށް ގިނަ މައިންބަފައިންގެ ޝަކުވާއެކެވެ. ރަނގަޅު އެކުވެރިން ނުލިބުމުގެ މައްސަލަ ތަޙައްމަލް ކުރަމުން ދަނީ މަދު ބައެއް ނޫނެވެ. ރަނގަޅު އެކުވެރިއެއް ލިބިއްޖެނަމަ ދަރިފުޅު ރަނގަޅު ވާނެކަމަށް އުއްމީދު ކުރެއެވެ. އެއީ ތެދަކަށް ވެދާނެއެވެ. އެހެނަސް އެބުނާ ރަނގަޅު އެކުވެރިޔާ ހޯދާނީ ވަކި ކޮންތާކުން ހެއްޔެވެ؟
ބާޒާރަށް އާފަލު ގަންނަށް ނިކުމެފައި ކޮންމެ ފިހާރައަކަށްވެސް ވަދެ އާފަލުތަށް ބަލަބަލައިފައި ކަމުދާ އެއްޗެއް ނުލިބި ގެއަށް އަންނަން ޖެހެނީ ބާޒާރުގައި ރަނގަޅު އާފަލު ނެތީމައެވެ. އެކަން ޙައްލުކުރަން ބޭނުންނަމަ ކުރަންޖެހޭނެ ކަމަކީ ބާޒާރަށް ރަނގަޅު އާފަލު ގެނައުމެވެ. އާފަލު އެތެރެކުރަން ތިބި މީހުން ރަނގަޅު އާފަލު އެތެރެ ނުކުރަންޏާ ދެން އަޅުގަނޑު ޖެހޭނީ ރަނގަޅު އާފަލު އެތެރެކުރަން ފަށާށެވެ. ނޫންނަމަ ކުރަނވީ ކަމަކީ އާފަލުއޮށެއް އިންދައިގެން ގަހެއް ފަޅާތޯ މަސައްކަތް ކުރުމެވެ. ގަސްފަޅައިފިނަމަ އާފަލު އަޅަންދެން އެގަހަށް ޚިދުމަތްކުރުމުގައި ދެމިހުރުމެވެ. ގަހުގެ ޅަފަތުގައި ގަހާއިމެދު އިހުމާލުވެވޭނަމަ އެދެވޭ ނަތީޖާއެއް ނުނެރެވޭނެއެވެ. އެއަށް ބޭނުންވާ ރަނގަޅުކާނާ ގަސްބުޑަށް އެޅުމާއި، ގަޑިން ގަޑިއަށް ފެންދިނުންފަދަ ކަންކަން ފަރުވާތެރިކަމާއެކު ކުރަންވާނެއެވެ. އޭރުން ހަމަގައިމުވެސް ތާޒާ ރަނގަޅު މީރު އާފަލު ކެވޭނެއެވެ. އަދި އެގަހުން އެހެން މީހުންނަށްވެސް ރަނގަޅު އާފަލު ދެވޭނެއެވެ.
އާދޭހެވެ! ތިޔަ ހީވީ ރަނގަޅަށެވެ! އާފަލު ގަތުމުގެ މި މިސާލަކީ މިއަދު އަޅުގަނޑާ ތިބާއަށް ހެޖިފައިމިވާ މުސީބާތެވެ. އެންމެންވެސް ހޯދަނީ އޭނާގެ ދަރިފުޅަށް ރަނގަޅު ރައްޓެއްސެކެވެ. ޢަދުލުވެރި އެކުވެރިއެކެވެ. އެކުގައި ވަގުތު ހޭދަކުރާނެ އަމާނާތްތެރިއެކެވެ. ދުނިޔޭގެ ފިލާވަޅުތަށް ދަސްކުރުމުގައި ހިއްސާވާނެ އިޚްލާޞްތެރި އެކެވެ. މިގޮތަށް އެދޭއިރު އަޅުގަނޑުމެން އެކަކުވެސް ކުދިންނަށް ރަނގަޅު ރައްޓެއްސެއްގޮތަށް އޭނާގެ ދަރިފުޅު ތަރުބިއްޔަތު ކުރިބާއެވެ؟
ޙަޤީޤަތުގައި ވާންޖެހޭގޮތަކީ ކޮންމެ މަންމައަކުވެސް އަދި ބައްޕައަކުވެސް އެންމެ ފުރަތަމަ ކުރަންވީކަމަކީ އޭނާގެ ދަރިފުޅަކީ އެހެންކުދިންނަށް ރަނގަޅު ރައްޓެއްސަކަށް ހަދާނެ ގޮތަކާމެދު ފިކުރު ކުރުމެވެ. އޭރުން އެގޮތުގައި އެކުދިން ތަރުބިޔަތު ކުރެވޭނެއެވެ. ނަތީޖާއަކަށްވާނީ ރަނގަޅު އާފަލު ބާޒާރަށް ނެރެވުނު ފަދައިން، މުޖްތަމަޢަށް ރަނގަޅު އެކުވެރިންނަށް ފުދޭ ފެންވަރުގެ ކުދިން ނެރުމެވެ. އޭރުން ރަނގަޅު އެކުވެރިން ހޯދާނެ ތަންތަން ވަރަށް ގިނަވާނެއެވެ.




ހިޔާލު
މީވަރަށް ރަނގަޅު ވާހަކައެއް. މިހާރު މިއުޅޭ ހުރިހާ ކުދިންނަކީވެސް ނުބައިވެފައިހުރި އާފަލު، އަވަހަށް ގަސް އިންދަން ދާންވީ