ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދާ މިކްސްޑް ޓީމް ޗެންޕިއަންޝިޕް 2020 މުބާރާތުގެ ފުރަތަމަ މެޗުތައް އަޖްފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކެޑެމީ (އައިބާ) އާއި އިންޑޯ ސްޕޯޓްސް ބެޑްމިންޓަން އެކެޑެމީ (އައިއެސްބީއޭ) އިން ކާމިޔާބު ކޮށްފިއެވެ.
ރޭ ފެށުނު މިމުބާރާތަކީ ހަތްދުވަހަށް ދެމިގެންދާ މުބާރާތެކެވެ. މުބާރާތް ކުރިއަށްގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި އޮތީ އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކެޑަމީ (އައިބާ)، ސައިރިކްސް ރެކްރިއޭޝަން ކްލަބް، ކްލަބު ސްޓެޓިކް އަދި އިންޑޯ ސްޕޯޓްސް ބެޑްމިންޓަން އެކެޑަމީ ހިމެނޭއިރު، ގްރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ފުރަތަމަ ޑިވިޝަން ޗެމްޕިއަން ރިވައިވަލް ސްޕޯޓްސް، ކްލަބު ސްކޯ ސްޕޯޓްސް، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަދި ދަ ގޯޅި ސްޕޯޓްސް ކްލަބެވެ.
މުބާރާތު ރާވާފައި އޮތްގޮތުން ކޮންމެ ދުވަހަކު ދެ މެޗެއް ކުޅޭނެއެވެ. ކޮންމެ މެޗެއްގައި އަށް ގޭމް ހިމެނޭނެއެވެ. އެއީ ތިން ފިރިހެން ޑަބަލްސް، ދެ މިކްސް ޑަބަލްސް އަދި ދެ އަންހެން ޑަބަލްސް މެޗެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ކުޅެފައިވަނީ އައިބާ އާއި ސީއާރްސީއެވެ. މެޗުގެ ފުރަތަމަ މެންސް ޑަބަލްސް ގޭމްގެ ދެ ސެޓާއި މެޗުގެ ފުރަތަމަ ވިމަންސް ޑަބަލްސް ގޭމްގެ ދެ ސެޓުވެސް އައިބާ ކާމިޔާބުކޮށްފައިވާއިރު، އެސެޓްތަކުގައި އައިބާގެ ކޯޗު، މުހައްމަދު އަޖުފާނާއި އިޔާން އަބްދުލް އަލީމް (ޗިކީ)ގެ ޕެއާއިން ސައިރިކްސްގެ މުހައްމަދު ރަމީޒާއި ހަމްޒާ މުހައްމަދުގެ ޕެއާ ބަލިކުރީ 15/05 އަދި 15/05 އިންނެވެ. އައިބާގެ އައިޝަތު އަފްނާން ރަޝީދާއި މަރިޔަމް ޝާހިދާގެ ޕެއާ، ސައިރިކްސްގެ އާސިމާ އަބްދުލް ގާދިރާއި އައިމިނަތު މަޒްހާގެ ޕެއާ ބަލިކޮށްފައިވަނީ 15/07، 15/10 އިންނެވެ.
އަދި ރޭގެ ފުރަތަމަ މެޗުގައި ކުޅުނު ފުރަތަމަ މިކްސްޑް ޑަބަލްސް ގޭމްގެ ފުރަތަމަ ސެޓު 15/11ގެ ނަތީޖާއަކުން އައިބާ ކާމިޔާބު ކުރިއިރު، ގޭމްގެ ދެވަނަ ސެޓު 15/11 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސީއާރްސީއެވެ. ނަމަވެސް އައިބާއިން ވަނީ ގޭމްގެ ތިންވަނަ ސެޓު 11/6ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގޭމުން މޮޅުވެފައެވެ.
ދެވަނަ ފިރިހެން ޑަބަލްސްގައި އައިބާގެ ޔޫސުފް ނިޔާޒާއި ސުތަރަޝާން ރަވީންދްރަންގެ ޕެއާ ވަނީ 15/13، 15/08 އިން ސައިރިކްސްގެ އިބްރާހިމް އާސިފާއި މުހައްމަދު ރަފާހް ބަލިކޮށްފައެވެ.
މީގެއިތުރުން ދެވަނަ ވިމަންސް ޑަބަލްސް ގޭމާއި، މެޗުގެ ދެވަނަ މިކްސްޑް ޑަބަލްސް ގޭމްގެއިތުރުން ތިންވަނަ މެންސް ޑަބަލްސް ގޭމްވެސް އައިބާއިން ކާމިޔާބުކުރިއެވެ. ދެވަނަ ވިމަންސް ޑަބަލްސް ގޭމް އައިބާއިން ކާމިޔާބުކޮށްފައިވަނީ 15/7 އަދި 15/6ގެ ނަތީޖާއަކުނެވެ. މެޗުގެ ދެވަނަ މިކްސްޑް ޑަބަލްސް ގޭމް އައިބާއިން ކާމިޔާބުކުރީ 15/6 އާއި 15/4 ގެ ނަތީޖާއަކުންނެވެ. އަދި ތިންވަނަ މެންސް ޑަބަލްސް ގޭމް އައިބާއިން ކާމިޔާބުކޮށްފައިވަނީ 15/5 އަދި 15/10 އިންނެވެ.
ބީއޭއެމް މިކްސްޑް ޓީމް ޗެންޕިއަންޝިޕްގައި ރޭގެ ދެވަނަ މެޗުގައި ބައްދަލުކޮށްފައި ވަނީ އައިއެސްބީއޭ އާއި ކްލަބް ސްޓެޓިކް އެވެ. އެ މެޗުގެ ފުރަތަމަ މެންސް ޑަބަލްސް ގޭމް 9/15 އަދި 10/15 އިން އައިއެސްބީއޭ ކާމިޔާބު ކުރިއިރު، ފުރަތަމަ ވިމަންސް ޑަބަލްސް ގޭމުންވެސް 13/15 އަދި 8/15 އިން އައިއެސްބީއޭ ވަނީ މޮޅުވެފަ އެވެ.
އޭގެ އިތުރުން އައިއެސްބީއޭއިން 8/15 އަދި 11/15 ގެ ނަތީޖާއަކުން ފުރަތަމަ މިކްސްޑް ޑަބަލްސް ވެސް ކާމިޔާބު ކުރިއިރު، އެ އެކެޑެމީއިން ވަނީ 14/15 އަދި 14/15 އިން ދެވަނަ މެންސް ޑަބަލްސްވެސް ކާމިޔާބު ކޮށްފައެވެ. އަދި އެ ދެ ގޭމްގެ އިތުރުން ދެވަނަ މިކްސްޑް ޑަބަލްސް އާއި ތިންވަނަ މެންސް ޑަބަލްސް 14/15 އާއި 9/15 އަދި 10/15 އާއި 9/15 އިން ކާމިޔާބުކުރީ އައިއެސްބީއޭ އެވެ.
ކްލަބް ސްޓެޓިކަށް އެ މެޗުގައި ކާމިޔާބު ކުރެވިފައިވާ ހަމައެކަނި ގޭމަކީ މެޗުގައި ކުޅުނު ދެވަނަ ވިމަންސް ޑަބަލްސް ގޭމެވެ. އެ ގޭމުގެ ފުރަތަމަ ސެޓު 15/14 އިން ސްޓެޓިކް ކާމިޔާބު ކުރި ނަމަވެސް، 9/15 ކުން ދެވަނަ ސެޓު ގެންގޮސްފައި ވަނީ އައިއެސްބީއޭ އެވެ. ނަމަވެސް ސްޓެޓިކް ވަނީ 11/4 ކުން ތިންވަނަ ސެޓު ކާމިޔާބުކޮށް، ގޭމުން މޮޅުވެފައެވެ.
މުބާރާތުގެ ދެ މެޗު މިއަދު ކުޅޭނެއެވެ. އެއީ ގްރޫޕް ބީގެ ދެ މެޗެވެ. ހަވީރު ކުޅޭ މެޗުގައި ކްލަބު ސްކޯ ސްޕޯޓްސް ކުޅޭނީ ގޯޅި ސްޕޯޓްސް ކްލަބާއެވެ. މިރޭ ރިވައިވަލް ސްޕޯޓްސް ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓްރީއާއެވެ.



